ޚަބަރު

ކިނބިދޫ އަދި ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރަތް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ ކަނޑޫދޫ އަދި ތ ކިނބިދޫ ސިއްޙީމަރުކަޒުގެ އައު އިމާރަތް އެޅުމަށް މިނިސްޓްރީ އޮފް ހެލްތުން ބަޔަކާ ޙަވާލު ކޮށްފިއެވެ.

Ads by Sosun Fihaara

އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ޙަވާލު ކޮށްދެއްވާފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު އާދިލްއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ.ކިނބިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހެލްތު މިނިސްޓްރީން ޙަވާލު ކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ތ.ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އާޢިމާރާތް އެޅުމަށް ޙަވާލު ކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ތ.ކިނބިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫޢުގެ އަގަކީ 15،371،786.03 (ފަނަރަ މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކައަށްޑިހަ ހަ ރުފިޔާ ތިން ލާރި) އެވެ. ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި ތ.ކިނބިދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ސިއްޙީ މަރުކަޒުގެ އިމާރާތް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި އެއީ ބޭނުން ކުރުން އެހާ ރައްކާތެރި ޢިމާރާތެއް ނޫން ކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އޭގެ އިތުރުން، ތ ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް 300 ދުވަހަށް ނިންމުމަށް ޙަވާލު ކޮށްފައިވާއިރު، މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މަސައްކަތުގެ އަގަކީ 13،972،920 ( ތޭރަ މިލިއަން ނުވަލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ ވިހި ރުފިޔާ) އެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އެރަށުގެ ސިއްޙީ މަރުކަޒަކީ ވެސް ވީރާނާވެ ވަރަށް ބޮޑަށް ބާވެފައިވުމުގެ އިތުރުން ޖާގައިގެ ގޮތުންވެސް ދަތިތަކާ ކުރިމަތި ވެފައިވާ މަރުކަޒެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފ ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލް ވިދާޅުވީ ސިއްޙީ މަރުކަޒުތައް ޢިމާރާތް ކުރުމުގައި ޒަމާނީ ފަރުމާތަކެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!