ބޮލީވުޑް

ޝްރައްދާ ވެސް ކައިވެނި ކުރަނީ؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނޫސްތަކުގެ ފަލަ ސުރުހީން މި ދުވަސްވަރު ޖާގަ ހޯދާފައިވާ އެއް ވާހަކައަކީ ވަރުން ދަވަންގެ ކައިވެނީގެ ވާހަކައެވެ. ވަރުން ދަވަން މި މަހުގެ 24 ވަނަ ދުވަހު އޭނާގެ ލޯބިވެރިޔާ ނަތާޝާ އާއި ކައިވެނި ކޮށްފައި ވާއިރު ގިނަ ބަޔަކު އަންނަނީ ވަރުން އާއި ނަތާޝާއަށް ކައިވެނީގެ މަރުހަބާ ފޮނުވަމުންނެވެ.

ވަރުންގެ ކައިވެނީގެ ވާހަކަތަކާއެކު އަނެއްކާވެސް އާ ވާހަކައެއް މިވަނީ ފެންމަތިވެފައެވެ. އެއީ ޝްރައްދާ ކަޕޫރުގެ ކައިވެނީގެ ވާހަކައެވެ.

ހެޔޮއެދޭ އެހެން ފަރާތްތައް ފަދައިން ޝްރައްދާގެ ލޯބިވެރިޔާ ކަމަށް ރިޕޯޓުތައް ބުނާ ފޮޓޯގްރާފަރު ރޯހަން ޝްރެޝްތާ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވަރުން އާއި ނަތާޝާއަށް ކައިވެނީގެ ތަހުނިޔާ ކިޔާފައެވެ. ކައިވެނީގެ ތަހުނިޔާ ކިޔަމުން ރޯހަން ވަނީ ވަރުން އަކީ ވަރަށް ނަސީބު ގަދަ މީހެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

މީގެ ޖަވާބުގައި ވަރުން ބުނި ވާހަކައަށް ފޭނުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އެގޮތުން ރޯހަން ގެ ސްޓޯރީއަށް ޖަވާބު ދެމުން ވަރުން ވަނީ ރޯހަން ކައިވެންޏަށް ތައްޔާރުކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.

އެއާއެކު ޝްރައްދާގެ ފޭނުން ވަނީ މިއީ ޝްރައްދާ އާއި ރޯހަން ކައިވެނި ކުރަން އުޅޭ ކަމަށް ދިން އިޝާރާތެއް ކަމަށް ބުނެފައެވެ.

ރޯހަން އާ ޝްރައްދާގެ ގުޅުމަށް ޝްރައްދާ އެއްބަސްވެފައި ނުވި ނަމަވެސް ރޯހަން އާއި ޝްރައްދާ ވަނީ ވަރަށް ގިނައިން އެކުގައި ފެނިގެން ގޮސްފައެވެ. އަދި މި ދެމީހުން 2020 ވަނަ އަހަރު ކައިވެނި ކުރަން އުޅުނު ކަމުގެ އަޑުތަކެއް ވެސް މީގެ ކުރިން ފެތުރިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!