ކޮޅުފުށިން ފައްސިވި މީހުންގެ އަދަދު 10 އަކަށް
މޮނިޓަރިންގެ ހާލަތުގައި އޮތް މ.ކޮޅުފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު މިރޭ ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު އެ ރަށުން ނެގި 106 ރެންޑަމް ސާމްޕަލްގެ ތެރެއިން 9 ސާމްޕަލެއް ފައްސިވުމަށް ފަހު އަދި އިތުރު ސާމްޕަލެއް ވެސް ފައްސިވެފައިވާ ކަމަށެވެ.
އެއާއެކު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ.
އޭގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކާއި އުމުރުން ދުވަސްވީ ހައިރިސްކު ދެ މީހުން ވެސް ހިމެނެއެވެ.
ކޮޅުފުށިން މާލެ އައި މީހަކު އޭގެ ދެ ފަހުން ކޮވިޑްގެ އަލާމަތްތައް ފެންނާތީ ޓެސްޓް ކުރުމުން ބައްޔަށް ފައްސި ވެފައި ވާތީ އެރަށް ކޭސް އިންވެސްޓިކޭޝަން ނިމެންދެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށަށް މީހުން އަރާ ފޭބުން މަނާ ކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެ އަންހެން މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ވުމަށް ފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެކެވެ.