ނިއުޒީލެންޑުން ނަމޫނާ ލިބިގަނެ އިނގެރޭސި ވިލާތު ފުލުހުންގެ ޔުނިފޯމްގައި ވެސް ބުރުގާ ހިމަނައިފި

ނިއުޒީލެންޑްގެ ފުލުހަށް މުސްލިމުން ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން ފުލުހުންގެ ޔުނިފޯމްގައި ބުރުގާ ހިމަނަން ނިންމާ އެ ފުރުސަތު މުސްލިމުންނަށް ދިނުމާ ވިދިގެން އިނގެރޭސި ވިލާތުގެ ލެސްޓަރޝިއާގެ ފުލުހުންގެ ޔުނިފޯމްގައި ވެސް ބުރުގާ ހިމަނައިފިއެވެ.
މިކަން ހާމަކޮށް އަދި މިއީ ނިއުޒީލެންޑްގެ ފުލުހުންނަށް ލިބުނު ކާމިޔާބެއްކަން ފާހަގަކޮށް އެގައުމުގެ ފުލުހުންގެ ވެބްސައިޓްގައި މިކަން ވަނީ ހާމަކޮށްފައެވެ.
ލެސްޓަރޝިއާގެ ފުލުހުންނަށް ދިން މި ހުއްދައާއެކު ޔުނިފޯމާއެކީ އެންމެ ފުރަތަމަ ބުރުގާ އަޅާފައި ވަނީ ޕޮލިސް ޓްރޭނީ ކޮންސްޓަބަލް ޚަދީޖާ މަންސޫރު ކަމަށް ލެސްޓަރޝިއާ ފުލުހުން ހާމަ ކުރެއެވެ.
މުސްލިމުންގެ އާބާދީ މަދު ގައުމުތަކުގެ ތެރޭ ހިމެނޭ ގައުމުތަކުގެ ފުލުހުން މިފަދަ ނިންމުމެއް ނިންމުމަކީ އެގައުމުތަކުގެ ފުލުހުންގެ ތެރޭގައި މުސްލިމުން މަސައްކަތް ކުރުމަށް ލިބޭނެ ހިތްވަރެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.