ބޮލީވުޑް

ދީޕިކާ ގޭތެރޭގެ މަސައްކަތް ކުރަން ރަންވީރް ހިތްހަމައެއް ނުޖެހޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންނަކީ އާއްމުގޮތެއްގައި ގޭތެރޭގެ މަސައްކަތްތައް އަމިއްލައަށް ކުރާ ބައެއް ނޫންކަން ބައެއް ރިޕޯޓުތަކުން ވެސް ހާމަވެއެވެ. ޚާއްސަކޮށް މަޝްހޫރު ގިނަ ތަރިންނަށް ކައްކަން ވެސް ނޭނގޭކަމާއި، ގޭތެރޭގެ އެންމެ ކުދިކުދި ކަންކަން ކޮށްލުމަށް ވެސް ބޭރުން މީހެއްގެ އެހީތެރިކަން ހޯދާކަން ވެސް ވަނީ ހާމަވެފައެވެ.

Ads by MWSC

ނަމަވެސް ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓްރެސް ދީޕިކާ ޕަދުކޯން މުޅިން ތަފާތެވެ. އަމިއްލައަކަށް ގޭތެރެ ސާފު ކުރުމާއި، ކެއްކުމާއި ގެއަށް ބޭނުންވާ ސާމާނު ވެސް ގަންނަން ދަނީ ދީޕިކާ އަމިއްލައަކަށެވެ.

ކުރިން ބައެއް އިންޓަވިއު ތަކުގައި ވެސް ދީޕިކާ ބުނެފައިވާ ގޮތުގައި، އޭނާއަކީ ސާފުތާހިކަމަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން އޭނާ ބޭނުންވާ ގޮތަށް އޭނާގެ ގޭތެރެ ސާފުކޮށް ބެހެއްޓޭނީ، އޭނާއަށް އެކަނި ކަމަށް ވެސް ދީޕިކާ ވަނީ ބުނެފައެވެ.

ނަމަވެސް ދީޕިކާގެ ފިރިމީހާ ރަންވީރް ސިންގްއަށް ދީޕިކާގެ މިކަންކަން އެހާ ކަމުނުދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން ގޭތެރޭގެ މަސައްކަތްތައް ދީޕިކާ އަމިއްލައަށް ކުރަން ރަންވީރު ބޭނުން ނުވާ ކަމަށް ޚުދު ދީޕިކާ ވެސް ވަނީ ދާދިފަހުން ބުނެފައެވެ.

ގޭތެރޭގެ ކަންކަން ދީޕިކާ އަމިއްލައަށް ކުރިނަމަވެސް، އަތް ގާތް ކޮށްދޭން ބައެއް މީހުން ގޭގައި ގެންގުޅޭ ކަމަށް ވެސް ދީޕިކާ ވަނީ ބުނެފައެވެ. ނަމަވެސް ގިނަ ފަހަރަށް އެމީހުން ކަންކަން ކުރަންވާ ގޮތް ވެސް ކިޔައިދެނީ ދީޕިކާ ކަމަށާއި އެކަމާ ވެސް ރަންވީރު ސުވާލު ކުރާ ކަމަށް ދީޕިކާ ބުނެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ވެސް ދީޕިކާ ވަނީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން އަމިއްލައަކަށް ފިހާރަތަކަށް ގޮސްފައެވެ. އޭނާ މަގުމަތީގައި އުޅެނިކޮށް ބައެއް ރިޕޯޓަރުން ވަނީ ފޮޓޯ ވެސް ނަގާފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!