ތަކުރާރުކޮށް ކަރަންޓީނާ ހިލާފުވި މީހަކު ކޮޅުފުށިން ހައްޔަރުކޮށްފި
އެކި ފަހަރު މަތިން ތަކުރާރުކޮށް ކަރަންޓީނާ ޚިލާފުވި މީހަކު މ.ކޮޅުފުށިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ތަކުރާރުކޮށް ކަރަންޓީނާ ހިލާފުވެގެން، ރޭ 08:15 ހާއިރު ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ކޮޅުފުށިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން "ދެން" އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށި ކައުންސިލްގެ ނައިބު ރައީސް ޖައުފަރު މޫސާ ވިދާޅުވީ ކަރަންޓީނާ ހިލާފު ވެގެން ހައްޔަރުކުރި މީހާއަކީ އެރަށުން ކޮވިޑަށް ފައްސިވި ދެ މީހަކު ދިރިއުޅޭ ގެއެއްގައި އުޅެމުންދާ މީހެއް ކަމަށެވެ.
އަދި މި މީހާ ދިރިއުޅޭ ގެ ކަރަންޓީނު ކޮށްފައި ހުއްޓާ ބޭރަށް ނިކުމެ، ކަރަންޓީނު ކޮށްފައިވާ ގެތަކުގައި ހަރުކޮށްފައިވާ ކަރަންޓީނު ނޯޓިސްތައް ނައްޓުވައި ހަދާފައިވާ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ މި ކަމާ ގުޅިގެން އެ މީހާ މީގެ ކުރިން ފުލުހުން އެތައް ފަހަަރެއް މަތިން ނަސޭހަތް ދީފައިވާ ކަމަށާއި ހަތަރު ފަހަރަށް ޖޫރިމަނާ ވެސް ކުރި ކަމަށެވެ.
އެ ރަށުގައި ޗުއްޓީ ހޭދަކޮށްފައި މާލެ އަނބުރާ އައި މީހަކު ކޮވިޑް 19 އަށް ފައްސިވުމާ ގުޅިގެން ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މަހުގެ 24 ވަނަ ދުވަހުގައެވެ. މިހާތަނަށް އެރަށުން 25 މީހަކު ވަނީ ފައްސިވެފައެވެ.