އިންޑިއާގައި ވެކްސިން ކަމަށް ހޭންޑް ސެނެޓައިޒަރ ދީފި
އިންޑިއާގެ މަހާރަޝްތްރާގައި ޕޯލިއޯ ވެކްސިން ކަމަށް ކުޑަކުދީންތަކަކަށް ހޭންޑް ސެނެޓައިޒަރ ދެވިއްޖެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު އެ އަވަށުގެ މެދު ފަންތީގެ ހޮސްޕިޓަލެއްގައި ހިނގި މި އޮޅުންބޮޅުންގަނޑުގައި 12 ކުއްޖަކަށް ހޭންޑް ސެނެޓައިޒަރ ދީފައި ވެއެވެ. މި މައްސަލައިގައި އެ ހޮސްޕިޓަލުގެ ތިން ނަރުހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
މަހާރަޝްތުރާގައި މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ޕޯލިއޯ ވެކްސިން ދޭން ފެށުމާއެކު 5000 އަށްވުރެ ގިނަ ކުދިން ގޮވައިގެން އެކުދިންގެ މައިންބަފައިން ވަނީ ވެކްސިން ޖެހުމަށް ގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ 1 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނެވެ.
އެ ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި ޕޯލިއޯ ވެކްސިންގެ ބަދަލުގައި ހޭންޑް ސެނެޓައިޒަރ ދެވުނު ކުދިން ގެހާލު ދެރަވެ ބައެއް ކުދިން ހޮޑުލައި ހެދި ކަމަށެވެ. ނަމަވެސް މި ކުދިން ވަނީ ވަސަންތްރަައޯ ނައިކް ގަވާރމެންޓް އެންޑް މެޑިކަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އަދި މިހާރު ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ. އަދި މިއަދުގެ ވަގުތެއްގައި ހުރިހާ ދޫކޮށްލެވޭނެ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެކުދިންނަށް ދެވުނު ވެކްސިންގައި 70% އަލްކަހޯލް ހިމެނޭ ކަމަށާއި އޭގެ ސަބަބުން އެހާ ޅަ އުމުރުގެ ކުދިންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ޕޯލިއޯ ވެކްސިން ފުޅިތަކަކާއެކު އެކު ސެނެޓައިޒަރ ފުޅިތައް ހުރުމުން ވެކްސިން ފުޅީގެ ބަދަލުގައި ނަރުހުންނަށް ސެނެޓައިޒަރ ފުޅިތަކުން ޑްރޮޕް ނެގިގެންނެވެ.