ދީން

ވިހެއުމުގެ ތެރޭގައި މަރުވާ މީހުންނަކީ ޝަހީދުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވިހެއުމުގެ ތެރޭގައި މަރުވާ މުސްލިމް އުޚުތުންނަކީ ޝަހީދުން ކަމަށް ރަސޫލާ ޞައްލަﷲ އަލައިހި ވަޞައްލަމްގެ ހަދީޡް ބަސްފުޅުން ސާބިތުވާން އެބައޮތެވެ.

Ads by MWSC

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޡް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ރަސޫލާ (ޞޢވ)ގެ އުންމަތުގެ ތެރެއިން ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް މަރުވާނީ މަދު ބައެކެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނާއި ބޮޑެތި ރޯގާތަކުގެ ބަލިތަކުގައި މަރުވާ މީހުންނާއި ބަނޑުގެ ބަލިތަކުގައި މަރުވާ މީހުންނަކީ ޝަހީދުންނެވެ. ކަނޑުވެ މަރުވާ މީހުންނަކީ ވެސް ޝަހީދުންނެވެ. އަންހެނަކު ވިހެއުމުގެ ތެރޭގައި ނުވިހައި މަރުވެއްޖެނަމަ، ޤިޔާމަތް ދުވަހު އެކުއްޖާ އޭނާގެ ފޫޅު ދަނޑިއާއެކު މަންމަ ސުވަރުގެ ވައްދާނެތެވެ."

މީގެ އިތުރުން ވެސް ޝަހީދުންގެ ދަރަޖަ ލިބޭ ގިނަ ގިނަގުނަ މަރުތަކެއް ރަސޫލާގެ ހަދީޘް ބަސްފުޅުން އެނގެން އެބަހުއްޓެވެ.

އޭގެ ތެރެއިން އެއް ޙަދީޘެއްގެ ވަނީ މިފަދައިންނެވެ.

عَن أَبِى هُرَيرَةَ رَضِىَ اللهُ تَعَالَى عَنهُ قَالَ :قَالَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ : ((أَلشُّهَدَاءُ خَمْسَةٌ أَلْمَطْعُونُ وَ الْمَبْطُونُ وَالْغَرِيقُ وَصَاحِبُ الْهَدْمِ وَالشَّهِيدُ فِى سَبِيلِ اللهِ)) ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. رسول الله ޙަދީޘް ކުރެއްވިއެވެ. ޝަހީދުން ފަހެކެވެ. އެއީ ޠާޢޫން ބަލީގައި މަރުވާ މީހުންނާއި، ބަނޑުގެ ބަލީގައި މަރުވާ މީހުންނާއި، ޣަރަޤުވެގެން މަރުވާ މީހުންނާއި، ތަނެއް ވެއްޓި ފާރެއްގެ ދަށުވެގެން މަރުވާ މީހުންނާއި ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނެވެ.

ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވާ މިފަދަ އެހެން ޙަދީޘެއްގައި ވަނީ: جَاءَ رَجل الَى رَسُول الله صَلى الله عَليهِ وَسَلَّمَ فَقَال :يَا رَسُولَ الله أَرَأَيتَ إِن جَاءَ رَجُلٌ يُرِيدُ أَخْذَ مَالِى ؟قَالَ : فَلاَ تُعْطِهِ مَالَكَ قَالَ : أَرأَيتَ إِنْ قَاتَلَنى ؟قَالَ : قَاتِلْهُ قَالَ : أَرأَيتَ إِنْ قَتَلَنى ؟ قَالَ : فَأَنتَ شَهِيدٌ قَالَ : أَرأَيتَ إِنْ قَتَلْتُهُ؟ قَالَ : هُوَ فِى النَّارِ ))

މީހަކު ކީރިތި ރަސޫލާގެ އަރިހަށް އައިސް ދެންނެވި އެވެ. މީހަކު އައިސް އަހަރެންގެ މުދާ ފޭރިގަންނަން އުޅެފިނަމަ އަހުރެން ޢަމަލުކުރާނީ ކިހިނަކުންތޯ އެވެ؟ އެ ކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭނާއަށް ތިބާގެ މުދާ ނުދޭށެވެ. އޭނާ ދެންނެވި އެވެ. އޭނާ އަހުރެންނާ ހަނގުރާމަ ކޮށްފިނަމަ ހަދާނީ ކިހިނަކުންތޯ އެވެ؟ ދެން ރަސޫލާ ހަދީޘް ކުރެއްވިއެވެ. ތިބާ ދިފާޢުގައި އޭނާއާ ހަނގުރާމަ ކުރާށެވެ. ދެން އޭނާ ދެންނެވި އެވެ. އޭނާ އަހުރެން ޤަތުލުކޮށްފިނަމަ ވާނީ ކިހިނަކުން ތޯއެވެ؟ ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އޭރުން ތިބާ ވާހުށީ ޝަހީދަކަށެވެ. ދެން އޭނާ ދެންނެވިއެވެ. އެކަމުގެ ތެރޭގައި އަހުރެންގެ އަތުން އޭނާ ޤަތުލުވެއްޖެނަމަ ވާނީ ކިހިނަކުންތޯ އެވެ؟ ދެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އޭރުން އޭނާ ވާނީ ނަރަކަވަންތަ ވެރިއަކަށެވެ.

ޝަހީދުންނަކީ ވަރަށް މަތިވެރި ދަރަޖަ ލިބޭ ބައެކެވެ. އިމާމު އަޙްމަދު ރިވާ ކުރައްވައި އައްތިރްމިޛީ ޞައްޙަ ކުރެއްވި ޙަދީސެއްގައި ރަސޫލާ ހަދީޘް ކުރެއްވިއެވެ. ޝަހީދުން މަރުވުމާ އެކު ފާފަ ފުއްސަވާނެ އެވެ. ސުވަރުގެއިން އޭނާއަށް ލިބޭ ތަން ސުވަރުގެ ދިއުމުގެ ކުރިން ފެންނާނެ އެވެ. އޭނާ އީމާނުގެ ފޭރާމުން ފޭރާން ލެއްވޭނެ އެވެ. ޙޫރުލް ޢީނުންނާ ކައިވެނި ކޮށްދެވޭނެ އެވެ. ޤަބުރުގެ ޢަޒާބުން ސަލާމަތް ކުރެވޭނެއެވެ. ޤިޔާމަތުގެ ބޮޑުވެގެންވާ ބިރުވެރިކަމުން ސަލާމަތްވާނެ އެވެ. އަދި ޝަރަފުވެރިކަމުގެ ތާޖެއް އޭނާގެ ބޮލުގައި އެޅުވޭނެއެވެ. އޭގައިވާ އެންމެ ޔާޤޫތެއްގެ އަގު ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑުވެގެން ވާނެއެވެ. އަދި ގާތް މީހުން ކުރެ 70 މީހުންނަށް އޭނާއަށް ޝަފާޢަތްތެރި ވެވޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!