މާލޭގައި 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.
ެއެޗްޕީއޭއިން މިރޭ ވިދާޅުވީ ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާއިން ފެށިގެން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ސޯޝަލް ސެންޓަރުގައި ކުރިއަށް ދާނެ ކަމަށެވެ.
ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދުއެވެ.
ހުޅުމާލެ ފްލޫ ކްލިނިކްގައި ހުރި ހުޅުމާލެ ވެކްސިން ސެންޓަރުގައި މި އުފުރުފުރާއަށް ވެކްސިން ޖަހާނީ ހެނދުނު 9:00 އިން މެންދުރު 1:00 ގައެވެ.
ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން