Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބައި-އިލެކްޝަންތަކަށް 10 ވޯޓު ފޮށި ބަހައްޓާނެ: އީސީ

ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގައި 10 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)
ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގައި ޖުމްލަ 10 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީން ހާމަކުރި ގޮތުގައި މި ފަހަރުގެ ބައި-އިލެކްޝަންތައް ކުރިއަށްދާނީ ހަތަރު ދާއިރާއެއްގައެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް ހޮވުމުގެ އިތުރުން، ވ. ތިނަދޫ އަދި ސ. ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުން އިންތިހާބު ކުރުމަށެވެ.

މި އިންތިހާބުތަކަށް ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ވަށަފަރާއި، ހުޅުދޫއާއި، ތިނަދޫގެ އިތުރުން މާލެ އަދި ހުޅުމާލޭގައެވެ. މިއިން ކޮންމެ ދާއިރާއަކުން ވެސް މިފަހަރު އިންތިހާބު ކުރާނީ އެއް މަގާމެވެ.

ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ 2026 ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ. އަދި ވޯޓުލުން ނިމޭތާ 30 މިނެޓު ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ އީސީން ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް އީމެއިލުންނެވެ. މީގެ އިތުރުން ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް