ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުން ޑޮލަރު ލިބިގަތުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލާފައެވެ.
މިއީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޑޮލަރުން ޕޭމަންޓްތައް ބަލައިގަތުމަށް މަގުފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، މި ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި މުދަލާއި ޚިދުމަތް ވިއްކާ ކުދި ވިޔަފާރިތަކަށް ޑޮލަރުން އާމްދަނީ ހޯދުމަށް ފަސޭހަވެގެންދާނެއެވެ. އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ޑޮލަރު ޖަމާވާ އެކައުންޓަށް ދޫކުރާ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި އެހެނިހެން މުއާމަލާތްތައް ވެސް ކުރެވޭނެއެވެ.
މި ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައިގެން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފަސޭހަކަމާ އެކު ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.





ކޮމެންޓް