ކުދި ވިޔަފާރިތަކަށް ޕޯޓަލް މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތް ހަދައިފި
ބޭރުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަމަޖައްސައި، އެކަމަށް އެދުމުގެ ފުރުސަތު ބީސީސީން ހުޅުވާލައިފިއެވެ.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ބޭރު ގައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ހަމަޖައްސައިފިއެވެ.
މި ޚިދުމަތަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ބީސީސީގެ "ކުމެވި" ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.
މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޔޫއެސް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި މިގޮތަށް ލިބޭ ޑޮލަރު، ވިޔަފާރީގެ އެކައުންޓާ ގުޅިފައިވާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެކި ހަރަދުތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކުން www.bcc.mv މެދުވެރިކޮށް މިހާރު އެދެވޭނެ ކަމަށް ބީސީސީން ބުނެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން 1 ނޮވެމްބަރު 2026އިން ފެށިގެން މި އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026"ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ މިއީ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ބޭރު ފައިސާއިން ފައިސާ ބަލައިގަތުމުގެ ފުރުސަތު ފަހިވުމަކީ، ބައިނަލްއަގުވާމީ ބާޒާރުތަކަށް ވިޔަފާރި ފުޅާކުރުމަށް އެޅޭ ބާރަކަށްވެ، އާމްދަނީ އިތުރުވެ، ކުރިއެރުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބީސީސީ އަދި ބީއެމްއެލް ގުޅިގެން ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން، ހާއްސަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށާއި އޮންލައިން އަދި ކްރިއޭޓިވް އިންޑަސްޓްރީގެ ހިދުމަތްތައް ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.





ކޮމެންޓް