އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރާ ބިލެއް މަޖިލީހަށް
އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިމިގްރޭޝަން ބިލުގެ ދަށުން، ވަކި މުއްދަތެއް ނެތް ގޮތަށް އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރިން ބައެއް އިސްލާހުތައް ގެނެސްފައި އޮތީ ޣައްޒާގެ ހާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުން ނަމަވެސް، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެއްވެސް ހާލަތަކަށް ރިއާޔަތްކުރުމެއް ނެތި، މުތުލަގު ގޮތެއްގައި އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލެއް ކަމަށެވެ. އެގޮތުން އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެކަން އެ ބިލުން ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ރާއްޖެއިން ގަބޫލުކުރާނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ ދިވެހި ރައްޔިތުން ވެސް އެދޭ ގޮތް ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ކުރިން ނުކުރާ މިންވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ކޯޓުތަކުގައި އިސްރާއީލާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި މަންސަތަކުގައި އިސްރާއީލުގެ އަމަލުތަކާ މެދު ރާއްޖޭގެ ވިސްނުން ވަރަށް ސާފުކޮށް ހާމަކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





ކޮމެންޓް