މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޤާނޫނުއަސާސީ އާއި ބައިނަލްއަޤުވާމީ އުސޫލުތަކުގެ އިތުރުން އާންމުންނާއި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކޮށް، މަރުގެ އަދަބު ތަންފީޒުކުރުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.
ބިލުގައި މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ކޯޓުތަކުން އަމަލުކުރަންޖެހޭ އިޖުރާއަތްތައް ތަފްސީލުކޮށްފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ އިލްތިޒާމުތަކާއި، އަދަބު ކަނޑައެޅޭ މީހާގެ ހައްގުތަކުގެ އިތުރުން، އަދަބު ތަންފީޒުކުރުން މަނާ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މަރުގެ އަދަބު ކަނޑައެޅުމުގެ ޝަރުތުތަކުގެ ތެރޭގައި، ވާރިސުންގެ އެއްބަސްވުން ހޯދުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމާއި، އަދުލުވެރިކަމާ އެކު ޝަރީއަތް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ކުށްވެރިޔާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ކަށަވަރުކޮށްދިނުން ވެސް ބިލުގައި ލާޒިމްކޮށްފައިވެއެވެ.




ކޮމެންޓް