ކުރިއަށް 24 ގަޑިއިރު ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި މިއަދު މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ބެލެވެނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
މޫސުން ގޯސްވާނެ ކަމަށް ބަލައި، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 07:00އިން ފެށިގެން 11:00އާ ހަމައަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ފަހުން ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.





ކޮމެންޓް