ކޮޕް-31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ތުރުކީއަށް ފުރާވަޑައިގެންފި
ތުރުކީގެ އަންތާލިޔާގައި ބާއްވާ ކޮޕް-31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-31) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 10އިން 14އަށް ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާ މި ސަމިޓުގައި ރައީސް ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ. މީގެ އިތުރުން ސަމިޓުގެ މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ދޭދޭ ގުޅުންތަކާ ގުޅޭގޮތުން ވެސް ރައީސް ވާހަކަދައްކަވާނެއެވެ.
ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް ހަލުއިކުރުމަށް ދުނިޔޭގެ ލީޑަރުންނާއި މަންދޫބުން އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި ސަމިޓުގައި ސަރުކާރުތަކުގެ އިތުރުން ސައިންސްވެރިންނާއި، ވިޔަފާރިވެރިން އަދި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެ، ތަޖުރިބާ ހިއްސާކުރެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.





ކޮމެންޓް