އިންޑިއާއިން އަމިއްލަ ޖީޕީޔޫއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމަނީ
އިންޑިއާއިން އަމިއްލަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގްރެފިކްސް ޕްރޮސެސިންގް ޔުނިޓް (ޖީޕީޔޫ) އެއް އުފެއްދުމުގެ އަމާޒު ހިފައިފިއެވެ.

އިންޑިއާގެ ސެމީކޮންޑަކްޓަރުގެ ސިނާއަތް ފުޅާކޮށް، ބޭރުގެ ކުންފުނިތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އަމިއްލަ ގްރެފިކްސް ޕްރޮސެސިންގް ޔުނިޓް (ޖީޕީޔޫ) އެއް ތަރައްގީކުރުމަށް އަމާޒު ހިފައިފިއެވެ. މިކަން ހާމަކުރެއްވީ އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (MeitY) ގެ ސެކްރެޓަރީ އެސް. ކްރިޝްނަން، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ.
ކްރިޝްނަން ވިދާޅުވި ގޮތުގައި 'އިންޑިއާ ސެމީކޮންޑަކްޓަރ މިޝަން 2.0' ގެ ދަށުން އަމިއްލަ ޖީޕީޔޫ ޗިޕެއް އުފެއްދުމަކީ އެ ގައުމުގެ މުހިންމު ލަނޑުދަނޑިއެކެވެ. މިއީ އެއްރެއަކުން ވާނެ ކަމެއް ނޫން ކަމަށާއި، މި މަޝްރޫއު ނިންމުމަށް ގާތްގަނޑަކަށް 24 މަސް ދުވަސް ނަގާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. މި މަޝްރޫއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރުމަށް ބޭނުންވާ ފަސް ފަށަލައެއް ހިމެނޭ ނިޒާމެއްގެ ބައެކެވެ. އެއީ ހަކަތަ، އެކްސެލެރޭޓަރ ޗިޕްސް، ކޮމްޕިއުޓިންގް އިންފްރާސްޓްރަކްޗަރ، އޭއައި މޮޑެލްތައް އަދި އެޕްލިކޭޝަންތަކެވެ.
އިންޑިއާގެ ބައެއް ކުންފުނިތައް ކަމަށްވާ VVDN، Kaynes އަދި Avalon އިން މިހާރުވެސް ސާވަރުތައް އުފައްދަމުންދާއިރު، ސީ-ޑެކް (C-DAC) އިން ވަނީ އޭއައި މަސައްކަތްތަކަށް ހާއްސަ 'ރުދުރަ' ސާވަރުތައް ތަރައްގީކޮށްފައެވެ. ކްރިޝްނަން ދެކިލައްވާ ގޮތުގައި މިހާރު ފެންނަމުންދާ އޭއައިގެ އޮއިވަރަކީ 2000 ވަނަ އަހަރުގެ 'ވައިޓޫކޭ' (Y2K) އާ ގުޅިގެން އިންޑިއާގެ އައިޓީ ދާއިރާއަށް ލިބުނު ފަދަ ބޮޑު ފުރުސަތެކެވެ. އިންޑިއާގެ އައިޓީ ދާއިރާގައި 6 މިލިއަން މީހުން ވަޒީފާ އަދާކުރާއިރު، އޭއައިގެ ސަބަބުން 2 މިލިއަން ވަޒީފާ ގެއްލިދާނެ ކަމަށް ލަފާކުރެވުނަސް، އާ 4 މިލިއަން ވަޒީފާ އުފެދޭނެ ކަމަށް ނިތީ އާޔޯގް (NITI Aayog) އިން ލަފާކުރެއެވެ.
މި ދާއިރާއިން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ޝައުގުވެރިކަން ވެސް ވަނީ އިންޑިއާއަށް ލިބިފައެވެ. އެގޮތުން ASML އިން ޓާޓާ އިލެކްޓްރޯނިކްސްއާ ގުޅިގެން ގުޖުރާތުގެ ދޮލޭރާގައި ސެމީކޮންޑަކްޓަރު އުފައްދާ ފެކްޓްރީއެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިންޓެލް އިން ވެސް ވަނީ ޓާޓާ ގްރޫޕާ އެކު ސްޓްރެޓީޖިކް ޕާޓްނަޝިޕެއް ގާއިމުކޮށްފައެވެ. އިންޑިއާއިން މިހާރު ދަނީ އަމިއްލަ 'ޝަކްތީ' (SHAKTI) އަދި 'ވޭގާ' (VEGA) ޕްރޮސެސަރުތައް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ.
2019 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދަނީ އަމިއްލަ ޕްރޮސެސަރުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު ބޭނުންކުރަން ފެށި 'ވޭގާ އީޓީ301' ޗިޕަކީ ސެންސަރުތަކާއި އިންޓަނެޓް އޮފް ތިންގްސް (IoT) އާލާތްތަކަށް ހާއްސަ ޗިޕެކެވެ. މިހާރުވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެން ސާފުކުރާ ރޮބޮޓްތަކާއި، ޑިޖިޓަލް ޓެލެސްކޯޕް ފަދަ ތަކެތި ވަނީ އުފައްދާފައެވެ. އިންޑިއާގެ ސެމީކޮންޑަކްޓަރުގެ ބާޒާރުގެ އަގު މިހާރު 50 ބިލިއަން ޑޮލަރުގައި ހުރިއިރު، 2030 ވަނަ އަހަރާ ހަމައަށް މިއަގު 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.






ކޮމެންޓް