Saturday, 14 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮޕް31 ސަމިޓަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް، ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތުރުކީވިލާތުގައި ބޭއްވި އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް31) ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ދެމެހެއްޓެނިވި، ވިލުންތެރި އަދި އިންސާފުވެރި މުސްތަގުބަލަކަށް" މި ޝިއާރުގެ ދަށުން ކުރިއަށްދިޔަ މި ސަމިޓުގައި ރައީސް ވަނީ ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވާފައެވެ. އެމަނިކުފާނުގެ ބަޔާނުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ދުނިޔޭގެ މާލީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަނެ، އެ ޤައުމުތަކަށް ލިބޭ ބައިނަލްއަގްވާމީ އެހީތެރިކަން އިތުރުކުރުމަށް ރައީސް ވަނީ ވަކާލާތު ކުރައްވާފައެވެ. އަދި ސިޔާސީ ނިންމުންތައް އަމަލީ ނަތީޖާއަކަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަމިޓުގެ ތެރެއިން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް"ގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ކަނޑަށް އަޅާ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލެއްވިއެވެ.

ދަތުރުފުޅުގެ ހަވާސާގައި ރައީސްގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައި ވަނީ އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.