Sunday, 15 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންޑަސް މުއާހަދާ މެދުކަނޑާލުމަށްފަހު، ޗެނާބު ކޯރުގެ ދެ ބިޔަ މަޝްރޫޢެއް ނިންމުމާ އިންޑިއާ ގާތަށް

އިންޑަސް ކޯރުގެ ފެން ބޭނުންކުރުމާ ގުޅޭގޮތުން ޕާކިސްތާނާއެކު އޮތް މުއާހަދާ މެދުކަނޑާލުމަށްފަހު، ޗެނާބު ކޯރުގައި ހަދާ ބިޔަ ދެ ހައިޑްރޯ ޕަވަރ މަޝްރޫޢެއް އިންޑިއާއިން ނިންމުމާ ގާތްވެއްޖެއެވެ.

އިންޑަސް މުއާހަދާ މެދުކަނޑާލުމަށްފަހު، ޗެނާބު ކޯރުގެ ދެ ބިޔަ މަޝްރޫޢެއް ނިންމުމާ އިންޑިއާ ގާތަށް

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ އިންޑަސް ކޯރުގެ ފެން ބޭނުންކުރުމާ ބެހޭ މުއާހަދާ (އައި.ޑަބްލިއު.ޓީ) މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި، ޗެނާބު ކޯރުގައި ހަދަމުންދާ ދެ ބިޔަ ހައިޑްރޯ ޕަވަރ މަޝްރޫޢެއް ނިންމުމާ އިންޑިއާއިން ގާތްވެއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 1000 މެގަވޮޓުގެ 'ޕަކަލް ޑަލް' އަދި 624 މެގަވޮޓުގެ 'ކިރޫ' މަޝްރޫޢު ނިންމައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުތަކާ ގުޅޭ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދެ މަޝްރޫޢުގެ މަސައްކަތްތައް ނިންމުމުގެ މަރުހަލާ މިހާރު ވަނީ ފެށިފައެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މި ދެ ޕްލާންޓުން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު، 1960 ވަނަ އަހަރުގެ އިންޑަސް ވޯޓާ ޓްރީޓީ އަމަލުކުރުން އިންޑިއާއިން މިދިޔަ އަހަރުގެ އެޕްރީލް މަހު ހުއްޓާލި ފަހުން، ހުޅަނގުގެ ކޯރުތަކުގައި ނިންމާ ފުރަތަމަ މަޝްރޫޢުތަކެވެ.

ވޯލްޑް ބޭންކް މެދުވެރިވެގެން ވެފައިވާ މި މުއާހަދާގެ ދަށުން، އިރުމަތީގެ ތިން ކޯރު ކަމަށްވާ ރަވީ، ބިއާސް އަދި ސަތުލޭޖްގެ ފެން ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަނީ އިންޑިއާއަށެވެ. މިއީ މުޅި އިންޑަސް ނިޒާމުގެ ގާތްގަނޑަކަށް 20 އިންސައްތަ ފެނެވެ. އަދި ހުޅަނގުގެ ތިން ކޯރު ކަމަށްވާ އިންޑަސް، ޖޭލަމް އަދި ޗެނާބު ކޯރުގެ 80 އިންސައްތަ ފެން ބޭނުންކުރުމުގެ ހުއްދަ އޮންނަނީ ޕާކިސްތާނަށެވެ.

ސަރުކާރުގެ އެހެން އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތް ނިމުނު ނަމަވެސް އޮޕަރޭޝަނަށް ގެނައުމަށް ވަގުތު ބޭނުންވާނެއެވެ. މިގޮތުން ސިސްޓަމްތައް ޗެކްކުރުމާއި، ޑޭމް ފުރުމާއި ހުސްކުރުން ފަދަ ގިނަ ޓެސްޓުތަކެއް ކުރަން ޖެހެއެވެ. 'ޕަކަލް ޑަލް' އަކީ 125.4 މިލިއަން ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ، އިންޑިއާ ފަޅީގައި ހަދާ ފުރަތަމަ ސްޓޯރޭޖް މަޝްރޫޢެވެ. 'ކިރޫ' އަކީ 'ރަން-އޮފް-ދަ-ރިވަރ' އުސޫލުން ހިންގާ މަޝްރޫޢެކެވެ. މި ދެ މަޝްރޫޢުވެސް ކުރިއަށް ގެންދަނީ 'ޗެނާބު ވެލީ ޕަވަރ ޕްރޮޖެކްޓްސް ލިމިޓެޑް' އިންނެވެ.

މީގެ އިތުރުން، 540 މެގަވޮޓުގެ 'ކްވާރ' މަޝްރޫޢާއި 850 މެގަވޮޓުގެ 'ރަތުލޭ' މަޝްރޫޢުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. ކްވާރ މަޝްރޫޢު 2028 އަށް ނިމޭނެ ކަމަށް ބެލެވޭއިރު، ރަތުލޭ މަޝްރޫޢު ވަނީ އެކި ސަބަބުތަކާހުރެ ލަސްވެފައެވެ. ހުޅަނގުގެ ކޯރުތަކުގައި އިތުރު ހަތަރު މަޝްރޫޢެއް ޕްލޭނިންގް މަރުހަލާގައި އެބައޮތެވެ. އޭގެ ތެރޭގައި 1856 މެގަވޮޓުގެ ސަވަލްކޮޓް މަޝްރޫޢު ހިމެނެއެވެ.

މުއާހަދާ މެދުކަނޑާލާފައި އޮތުމުން، ކުރިން ޕާކިސްތާނުގެ ފަރާތުން ކުރިމަތިވި ހުރަސްތަކާއި ޑިޒައިންއަށް ގެންނަންޖެހޭ ބަދަލުތަކުގެ ދަތިކަން މިހާރު ނެތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން މަޝްރޫޢުތައް އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެއެވެ. އިންޑިއާއަށް ހުޅަނގުގެ ކޯރުތަކުން 18,569 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އޮތް ނަމަވެސް، މިހާތަނަށް އުފެއްދެނީ އެންމެ 3,500 މެގަވޮޓެވެ.

ކޯރުތަކުގެ ފެން ބޭނުންކުރުމުގެ އެހެން މަޝްރޫޢުތަކަށް ބަލާއިރު، ރަވީ ކޯރުގައި ހަދާ ޝާހްޕޫރްކަންޑީ މަޝްރޫޢު 2027 ވަނަ އަހަރުގެ މެދުތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ޕާކިސްތާނަށް ބޭކާރުވެގެންދާ ފެން މަދުކުރެވި، ދަނޑުވެރިކަމަށާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭނެއެވެ. އިންޑިއާއިން މިހާރުވެސް އިރުމަތީގެ ކޯރުތަކުގެ 95 އިންސައްތަ ފެން ބޭނުންކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.