ކޮވިޑް-19:މާލެއިން 110 މީހުންނާއެކު މިއަދު ޖުމްލަ 137 މީހުން ފައްސިވެއްޖެ!
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 137 މީހުން ފައްސިވެ 53 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 110 މީހުންނާއި، އަތޮޅުތެރެއިން 20 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،547 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،472 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 54 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 193 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 427،278 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ރޭގަނޑު 8:30 އިން ފެށިގެން މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް ވަނީ މަޖުބޫރު ކޮށްފައެވެ.