ކޮވިޑުން ރައްކާތެރިވުމަށް މިއަދު ރާއްޖޭގައި ޖެހީ ޖުމްލަ 1،003 ވެކްސިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅުތެރެއިން 216 މީހަކަށް އަދި މާލެ ސަރަޙައްދުން 787 މީހުންނަށް ވެކްސިން ދީފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ޑޭޓާއަަށް ބަލާއިރު ޖުމުލަ 1،003 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައިވެއެެވެ. އަދި މިހާތަނަށް ރާއްޖެއިން ޖުމްލަ 4،269 މީހުންނަށް ވެކްސިން ދީފައިވެއެވެ.
މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 3،573 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 696 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
ރާއްޖޭގައި މިވަގުތު ދެމުންދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 110 މީހުންނާއި، އަތޮޅުތެރެއިން 20 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،547 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،472 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 54 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 193 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 427،278 ސާމްޕަލް ނަގައިފައި ވެއެވެ.