ޝިދާތާއާ މިއުޅެނީ ސިޔާސީ ޑީލެއް ހަދައިގެނެއް ނޫން، ކައިވެނި އޮތީ މިމަހު 21ގައި: ޒިޔާ

ފިލްމީތަރި އަހުމަދު ޒިޔާ އާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިމަހުގެ 14 ވަނަ ދުވަހު (ލޯބިވެރިންގެ ދުވަހު) ކައިވެނި ކުރަން އުޅޭ ޚަބަރު، ޒިޔާ ދޮގު ކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެމުން ޒިޔާ ބުނީ ކައިވެނި ކުރަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
"މިމަހު 21 ގައި ކައިވެނި ކުރަނީ. ވެޑިންގ ޕާޓީއެއް ވެސް ބާއްވަން ބޭނުންވި، އެކަމަކު މިހާރު ކޮވިޑްގެ ހާލަތު ހުރި ގޮތުން ޕާޓީއެއް ބޭއްވޭކަށް ނެތް. އެކަމަކު އެދުވަހު ކައިވެނި ކުރަން ހަމަޖެހިފަ އޮތީ" ޒިޔާ ބުންޏެވެ.

ޒިޔާ އާއި ޝިދާތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 4 މަސް ވެއްޖެ ކަމަށް ވެސް ޒިޔާ ބުންޏެވެ. ދެމީހުންގެ ކައިވެންޏާ ބެހޭ ގޮތުން ފެތުރިފައިވާ ވާހަކަތަކަށް ޒިޔާ ބުނީ، ޝިދާތާ އާއި ކައިވެނި ކުރަނީ ސިޔާސީ ކަމެއްގައެއް ނޫން ކަމުގައެވެ.
"ޝިދާތާއާ މިއުޅެނީ ސިޔާސީ ޑީލެއް ހަދައިގެނެއް ނޫން. ސިޔާސީ ގޮތުން އަހަރުމެންނަކީ ދެ ޕާޓީއަކަށް ނިސްބަތްވާ ދެމީހުން. އަހަންނަކީ ޖުމްހޫރީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރ އޭނައަކީ އަދާލަތު ޕާޓީގެ ޚާރިޖީ ވަޒީރު. އަހަރުމެންގެ ސިޔާސީ ކަންކަމަކީ ވަކި ކަމެއް. ކައިވެނި މިކުރަނީ ހަމަ ކައިވެނި ކުރަން ބޭނުން ވެގެން" ޒިޔާ ބުންޏެވެ.