ރޭ މާރާމާރީގައި ނިޔާވި އުދައްޔުގެ ފޮޓޯ ބޭނުން ނުކުރަން ފުލުހުން އެދިއްޖެ

ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި ނިޔާވި ކުޑަކުއްޖާގެ ފޮޓޯ އާންމު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
އެ މާރާމާރީގައި ނިޔާވެފައި ވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާގެ ފޮޓޯތައް މީސް މީޑިއާއާއި މީޑިއާތަކުގައި އާންމު ކުރުމަކީ އެކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކޭތީ އެކުއްޖާގެ ފޮޓޯ ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.
"އޭގެ އިތުރުން އާއިލާއަށް އިތުރު ހިތްދަތި ކަމެއް ތަހައްމަލު ކުރަން ޖެހިދާނެ ފަދަ ކަމެކެވެ. އެހެންކަމުން އެކުއްޖާގެ ފޮޓޯ ބޭނުން ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކުރަމެވެ." ފުލުހުން މީޑިއާތަކަށް ކުރި މެސެޖުގައި ވިދާޅުވިއެވެ.
ފުލުހުން ވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.