ދިވެހި އެތީސްޓެއް އަނބުރާ އިސްލާމްދީނަށް އައި ގޮތުގެ ވާހަކަ
މިއީ އިސްލާމްދީން ދޫކޮށް އެއްވެސް ދީނެއް ގަބޫލު ނުކޮށް "އެތީސްޓަކަށްވި" ދިވެއްސަކު އަނބުރާ އިސްލާމް ދީނަށް އެނބުރި ރުޖޫޢަވީ ގޮތުގެ ވާހަކައެވެ.
ފުރާވަރު އުމުރުގެ އެކުއްޖާ އެވާހަކަތައް ހިއްސާ ކޮށްފައި ވަނީ "އަނެއް ފިކުރު" ޕްރޮގްރާމުގައެވެ. "މުޙައްމަދު" ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ އެޕްރޮގްރާމުގައި އޭނާގެ ވާހަކަތައް ޝެއިޚް އާދަމް ނިޝާން އަށް ކިޔައިދެއްވާފައެވެ.
މުސްލިމެއްގެ ގޮތުގައި އުފަންވި އެޒުވާނާ، ސްކޫލް ދައުރުގައި ވަނީ މަގުން ކައްސާލާފައެވެ. އަދި ފަހުން އޭނާ އިސްލާމްދީން ދޫކޮށްލުމަށްފަހު، މާތް ﷲ ގެ އިރާދަފުޅާއެކު ވަނީ އިސްލާމްދީނަށް އެނބުރި ރުޖޫޢަވެފައެވެ.
މުޙައްމަދު ބުނީ އެތީސްޓެއްގެ ގޮތުގައި އޭނާ ހޭދަކުރި އަހަރުތަކަށް ވުރެ، މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުން ލިބޭ ހިތްހަމަ ޖެހުން މާބޮޑު ކަމަށެވެ. އޭނާ ބުނީ އެތީސްޓެއްގެ ގޮތުގައި ހުރިއިރު އޭނާއަށް އަބަދުވެސް ޖެހެނީ ހިތްހަމަ ނުޖެހިގެން އުޅެން ކަމަށާއި ނަމަވެސް މިހާރު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މުހައްމަދުގެ ފުރާވަރުގެ އުމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާ ބޮޑުވި މުޖުތަމަޢަކީ އިސްލާމީ ނުވަތަ ދީނީ ކަންތައްތަކަށް އެހާ އަހައްމިއްޔަތު ކަމެއް ދޭ މުޖުތަމަޢުއެއް ނޫން ކަމަށެވެ.
"އެއިރު އަހަރެންގެ ދިރިއުޅުން ހުރީ ވަރަށް އެހެން ކަހަލަ ފައްތަރެއްގައި. އަހަރެންގެ މައިންބަފައިންގެ ކައިވެނިވެސް ރޫޅިފައިވުމުން އޭގެ އަސަރުވެސް ކުރި. އަދި އަހަންނަށް ރައްޓެހިންނާއެކު އުޅެވެން ފެށި. އެމީހުންނަކީ ވެސް އެހާ ދީނީ ބައެއް ނޫން. އަހަރުމެން ރަމަޟާން މަހު ރޯދަ ވެސް ހިފިން އަދި ރަމަޟާން މަހު ނަމާދު ވެސް ކުރިން. އެކަމަކު ދީނީ އަޅުކަމަށް ފަރުވާތެރި ވާންވީ ވަރަކަށް ނުވެވޭ." މުޙައްމަދު ބުންޏެވެ.
އިސްލާމްދީނާ މެދު އުފެދުނީ ކޮން ޝައްކުތަކެއްތޯ ޝެއިޚް އާދަމް ނިޝާން ސުވާލު ކުރެއްވުމުން މުޙައްމަދު ބުނީ އިސްލާމްދީނާ ނުވަތަ ދީނީ އަޅުކަން އަދާކުރުމާ ދުރުވެ، ދީނުގައި ނަޙީ ކުރައްވާފައިވާ ކަންކަން ކުރުމާއި ދުނިޔެވީ އުފަލަށްޓަކައި އެކިކަންކަން ކުރަން ފެށުމުން، ދީނުގައި އަންގަވާފައިވާ ހުރިހާ ކަންކަމަކާމެދު ވެސް ސުވާލު އުފެދި އެކަންކަން ޤަބޫލުކުރަން އުނދަގޫވެ އިސްލާމްދީނުގައި ކުރުން ޙަރާމް ކުރައްވާފައިވާ ކަންތައްތައް ވެސް ކުރެވެމުން ދިޔަ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން އިސްލާމްދީނާމެދު ސުވާލު އުފެދި ސިކުނޑީގައި ވަސްވާސް އުފެދެމުން ދިޔަ ކަމަށް ވެސް މުޙައްމަދު ބުންޏެވެ.
"ހެވާއި ނުބައި އެއިރު ވަކިނުވެ، ދުނިޔެވީ އެއަރާމުތަކަށް އަހަންނަށް ހެއްލެވުނު. އޭގެ އަވައިގައި ޖެހި، އިސްލާމްދީނުގެ ކަންކަން އަހަންނަކަށް ނުވިސްނުނު. ދުނިޔެވީ އުފާތަކަށް އަހަންނަށް ގެއްލެވުނު ވަރުން ދީނާމެދު އެއިރު ހަނދާން ވިޔަސް އުނދަގޫތަކެއް ވާން ފެށި. ރުޅިވެރިކަމެއް ހިތުގައި އުފެދެން ފެށި. އަހަންނަށް އަބަދުވެސް އެނގިފައި ވަނީ މުސްލިމުންނަކީ އެންމެ ރަނގަޅު މީހުން ކަމަށް. އަހަރެން ހުރީ އިސްލާމްދީނާ ވަރަށް ދުރުވެފައި. އެކަމަކުވެސް ހިތާހިތުން ޤަބޫލު ކުރެވެމުންދިޔަ އަހަންނަކީ ރަނގަޅު މީހެއް ކަމަށް. އަހަރެންގެ ހިތަށް އެރި އަހަންނަކީ އެއްވެސް މީހަކަށް ގެއްލުމެއްދޭ މީހެއް ނޫނޭ އެހެންވީމަ އަހަންނަކީ ރަނގަޅު މީހެކޭ. އިސްލާމްދީނާ ބެހޭގޮތުން އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދެމުން ދިޔަ، އެސުވާލުތައް އަހަރެންގެ އިސްލާމް ޓީޗަރުންނާއި އާއިލާގައި ތިބި ބޮޑެތި މީހުންނާ ވެސް ކުރިން. ނަމަވެސް އެމީހުން އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނުދިން. އަބަދުވެސް އެސުވާލުތައް އޮއްބާލަނީ. އެމީހުން ބުނަމުން ދިޔައީ އަހަރެން ގޯސްކޮށް އުޅޭ ކަމަށް އެކަނި. އެކަމުގެ ސަބަބުން ދީނާ އަހަރެން އިތުރަށް ދިޔައީ ދުރުވަމުން. ހަގީގަތަށް ބުނަންޏާ އޭރުވެސް އަހަރެން އެސުވާލުތައް ކުރީ އެނބުރި އިސްލާމްދީނަށް އަންނަން ވެގެން. ނަމަވެސް ސުވާލުތަކަށް ޖަވާބު ނުލިބުމުގެ ސަބަބުން އަހަރެން ދިޔައީ ދީނާ ދުރުވަމުން.
"އެއްވެސް މީހަކު އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދިނުމުން އަހަރެން ހިތަށް އެރީ ވެދާނެއޭ އަހަރެންގެ ސުވާލުތަކަށް ޖަވާބެއް ނެތީ ކަމަށް. އެގޮތަށް ކަންތައްވުމުން އިސްލާމްދީނުގެ ސައްޙަކަމާމެދު އަހަރެންގެ ހިތުގައި ވަސްވާސް އުފެދެން ފެށީ. ހިތަށް އެރި އިސްލާމްދީނަކީ އެބުނާ ފަދަ ޙައްޤުވެގެންވާ ދީން ކަމުގައި ވަނީނަމަ، އަހަރެންގެ ސުވާލު ތަކަށް ޖަވާބު ނުދެވެންވީ ކީއްވެ ހެއްޔޭ"
އަހަންނަށް ދީނާއި އެއްކޮށް ދުރަށްދެވި، ދީން ދޫކޮށްލެވި، ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ދެވުނީ އެދުވަހަށް ފަހު" މުޙައްމަދު ބުންޏެވެ.
މުޙައްމަދު ބުނި ގޮތުގައި އޭނަގެ ހިތުގައި އެންމެ ބޮޑަށް އުފެދުނު އެއް ސުވާލަކީ، ހުރިހާ މުސްލިމުން ސުވަރުގެއަށް ދާއިރު ޣައިރު މުސްލިމުން ދާނީ ނަރަކަށް ކަމަށް ބުނާތީ، އެމީހުންގެ ތެރޭގައި ވެސް ރަނގަޅު މީހުން އުޅޭއިރު އެރަނގަޅު މީހުން ވެސް ނަރަކައަށް ދާނީ ކީއްވެތޯއެވެ. އެފަދަ ޣައިރު މުސްލިމުން ވެސް ނަރަކައަށް ދަނީ ކީއްވެގެންކަން އެއްވެސް މީހަކަށް ބުނެދެވިފައި ނުވާ ކަމަށް ވެސް މުޙައްމަދު ބުންޏެވެ. އެހެންކަމުން ހުރިހާ ދީންތަކަކީ ވެސް އިންސާނުން އަމިއްލައަށް އުފެއްދި އެއްޗެހިތަކެއް ކަމަށް ޤަބޫލު ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ދީން ދޫކޮށްލުމަށް ފަހު އޭނާ ދެން އުޅުނީ ރައްޓެހިންނާއެކު މަޖާކޮށް ޕާޓީކުރަން ކަމަށާއި، ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔަ ކަމަށް މުޙައްމަދު ބުންޏެވެ.
އެނބުރި އިސްލާމްދީނަށް އައުން
މުޙައްމަދު ބުނި ގޮތުގައި އޭނާއަށް އެނބުރި އިސްލާމްދީނަށް އާދެވުނީ ދުނިޔޭގައި ވަށައިގެންވާ ކަންތައްތަކާއި، ޤުދުރަތީ ރީތިކަން ފަދަ ކަންކަމާމެދު ވިސްނާލަން ފެށުމުންނެވެ.
"ޤުދުރަތީ ރީތިކަމާމެދު ވިސްނާލާފަ އަހަރެން ހައިރާން ވާން ފެށި. ހިތަށް އެރި ހާދަ ފުރިހަމައޭ. ދުނިޔޭގެ ފުޑް ޗޭނު ހުރި ގޮތާމެދު ވެސް ވިސްނާ، އެހުރިހާ ތަކެއްޗަކަށް ބަލައި ވިސްނާލަން ފެށުނު. އަހަރެންގެ ހިތަށް އެރި މިހުރިހާ ތަކެއްޗެއްގެ ރީތިކަމާއި، ފުރިހަމަކަމާއި، އެތުރިފައިވާ ތަރުތީބުކަމަކީ ހަމަ އެއްވެސް ބޭނުމެއް ނެތި ވެފައިވާނޭ ކަންކަމެއް ނޫނޭ. އަަހަރެން ހިތަށް އެރި މިހާ ފުރިހަމަ ކަންމަތީ މިހުރިހާ އެއްޗެއް އަމިއްލައަކަށް ނުއުފެދޭނޭ. މިތަކެތި އުފެދޭނީ އަދި މިފަދައިން ކަންކަން ވާނީ، ވަކި ފަރާތެއްގެ ކުޅަދުންވަންތަކަމުންނޭ. ނަމަވެސް އޭރުވެސް އަހަންނަށް އެކަންކަމާ ދީނީ ނަޒަރަކުން އެހާ ބޮޑަކަށް ނުވިސްނުނު. އަހަރެން ހަމަ ބޮޑަށް ހައިރާންވީ ފެންނަން ހުރި ކަންކަމުން. ޤުދުރަތީ ރީތި މަންޒަރުތަކަށް ބަލަން ހުރުމުން އަހަރެން ހިތްހަމަ ޖެހެން ފެށި. އަދި އިންސާނުންނާ، ޖަނަވާރުންނާ، ގަސްގަހާއި ގެއްސާ، އުޑާއި، ބިމާއި ކަނޑުތަކާމެދު ވެސް އަހަންނަށް ވިސްނެން ފެށި." މުޙައްމަދު ބުންޏެވެ.
މީގެއިތުރުން މުޙައްމަދު ބުނީ އޭނާ އޭރު ކުރަމުން ދިޔަ ނުބައި ކަންތައްތައް ކުރުން ހުއްޓާލި ކަމަށެވެ. ނަމަވެސް އޭރުވެސް އެކަންކަން ހުއްޓާލުމަށް ފަހު ވެސް އިތުރު ރަނގަޅުކަމެއް ކުރަން އެވަގުތުން ވަގުތަށް ނުފެށުނު ކަމަށް ވެސް މުޙައްމަދު އެއްބަސްވިއެވެ.
"އަހަރެން އޭރު ނިންމީ، އަހަންނަކީ ބައިވަރު ކަންތައްތަކެއް ކުރިން މީހަކަށް ވުމުންނާއި އަދި ބައިވަރު ކަންތައްތަކެއް ފަހުން ވެސް ކުރާނެ މީހަކަށްވާތީ، ހަގީގަތް ހޯދަން މަސައްކަތް ކުރަން. އަހަރެން ނިންމީ ހަގީގަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ފަށަން. މާލޭގައި ވަރަށް ގިނަ މިސްކިތް ހުރުމާއެކު ބަންގީގެ އަޑު ކޮންމެ ދިމާލަކުން ވެސް އިވޭ. އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ވެސް ކުރަން ފެށި ކަމަކީ ނަމާދު ކުރުން. ނަމާދު ކުރަން ފެށުން ވެގެން ދިޔައީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް.
"ނަމާދު ކުރަން ފެށުމަށްފަހު އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން ވެރިވި. އީމާންތެރިކަމަކާ ނުލާ އޭރު ނަމާދު ކުރަން ފެށި ނަމަވެސް، ވުޟޫކޮށް، ނަމާދުކުރަން ފެށުމުން އަހަރެންގެ ހިތަށް ހިތްހަމަޖެހުމާއި އަމާންކަން ވެރިވާން ފެށި. ސިކުނޑިއާއި މުޅި ހަށިގަނޑު ސާފުވާން ފެށި"
އަހަރެން ދެން ނަމާދު ކުރުން ދޫކޮށެއް ނުލަން. އަދި ޤުރްއާން ގެ ތަރުޖަމާ ކިޔަވަން ވެސް ފެށިން. ހިތަށް އެރި، ހަށިގަނޑު ތެރެއަށް މަސްތުވާ އެއްޗެހި އެޅުމަށްވުރެ މިގޮތް މާރަނގަޅޭ. ފަސް ވަގުތު ނަމާދުކޮށް، ޤުރްއާން ކިޔަވަން ފެށުމުން ލިބެން ފެށި ހިތްހަމަ ޖެހުންމާ ބޮޑޭ. ޤުރްއާން ކިޔަވާ ނަމާދުކޮށް އުޅުމުން އަހަރެންގެ ހިތަށް އަރަމުން ދިޔައީ، ހަމަޔަގީނުން ވެސް އެހުރިހާކަމެއް ވެސް ކޮންޓްރޯލްކުރާ މަތިވެރި ފަރާތެއް ވާނެއޭ، އެހެންވެއޭ ހުރިހާ ކަމެއް ވެސް ވަކި ހަމައެއްގެ މަތިން އެދަނީ. ދެން އަހަންނަށް އެނގުނީ އިންސާނުން އަމިއްލައަށްކަ ން މަގުން ކައްސާލަނީ، ނުވަތަ އަންގަވާފައިވާ އެ ހަމަތަކުން ބޭރަށް ދަނީ. ޖަނަވާރުންނަށް ބެލިޔަސް އުޅެނީ އެއް ގޮތަކަށް، ނަމަވެސް އިންސާނުންގެ ކިބައިގައި ހަރުލާފައި ހުރޭ ނުރަނގަޅު އާދަތައް. އެވަގުތު އަހަންނަށް އިޙުސާސްވީ، ކީރިތި ޤުރްއާނަކީ އެކަންކަން (އިންސާނުންގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންތައްތައް) ރަނގަޅު ކުރާނެ ގޮތްތަށް އަންގައި ދެއްވާފައިވާ ފޮތްކަން. ސީދާ ވެގެންވާ ތެދުމަގަށް ވާސިލުވުމަށް ހުރި އަލިމަގެއްކަން އެއީ. މިކަންކަން ވިސްނެން ފެށުމުން ކުރިން އަހަރެންގެ ހިތަށް އެރި ސުވާލެއް އަނެއްކާވެސް ހިތުގައި އުފެދުނު. އެއީ ހެޔޮލަފާ އިންސާނަކު، އެމީހަކީ ޣައިރު މުސްލިމެއް ކަމުގައިވާތީ ނަރަކައަށް ވައްދަވަނީ ކީއްވެތޯ؟ މިފަހަރު އެކަމަކު އަހަންނަށް ވިސްނި ޤަބޫލު ކުރެވުނު މާތް ﷲ އީ އެންމެ އޯގާވަންތަ އަދި އެންމެ އިންސާފުވެރި ރަސްކަލާނގެ ކަމާއި އެކަލާނގެ އެއްވެސް އަޅަކާމެދު ބޭއިންސާފުވެރި ނުވާނެ ކަމަށް. ނަމާދު ކުރަން ފެށުމުން އަހަންނަށް ހުރީ ކެތްތެރިކަން ވެސް ލިބިފަ. އެހެންވެ އަހަރެން ނިންމީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެއެއް ވާކަން އަހަންނަށް ޤަބޫލު ކުރެވެން ފަށާފައި ހުރުމުން، ހިތުގައި އުފެދޭ ވަސްވާހެއް ނުވަތަ ސުވާލުތަކެއްގެ ސަބަބުން މިފަހަރު ދީން ދޫކޮށެއް ނުލާނަމޭ. އެހެންވެ އަހަރެން އިސްލާމްދީނާ ގުޅޭގޮތުން މައުލޫމާތު ދީފައި ހުންނަ ވީޑިއޯތައް ބަލަން ފެށިން. އަދި ފޮތްތައް ވެސް ކިޔަން ފެށިން. އަހަރެންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔަ. އަލްޙަމްދުލިﷲ އަހަރެން އެނބުރި އިސްލާމްދީނަށް އުފަލާއެކު އައިން. އަދި މިހާރު އަލްޙަމްދުލިﷲ އަހަރެންގެ މުޅި ހިތާއި ސިކުނޑިއަށް ހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާކަން އަހަންނަށް އިޙުސާސު ކުރެވޭ." މުޙައްމަދު ބުންޏެވެ.
މާޝާﷲ
އަލްހަމްދުލިއްލާހް ﷲތިބާ ޔަށް ހެޔޮ ރަހްމަތް ލައްވާށި އާމީން