ޚަބަރު

އައްޑޫގައި ދެވަނަ ލިންކް ރޯޑަކާއި އިތުރު މަގުތައް ހެދުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އައްޑޫ ސިޓީގައި އިތުރު ލިންކު ރޯޑެއް ޤާއިމް ކުރުމުގެ މަޝްރޫޢާއި، އިތުރު މަގުތައް ތަރައްޤީކޮށް ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު މިއަދު ސޮއިކޮށްފިއެވެ.

Ads by STELCO

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 1.19 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ މަގު ހެދުމަށް ފައިސާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މަސައްކަތް ޙަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

730 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާ ގޮތަށް އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވާއިރު، އައްޑޫ ފޭދޫ ފިޔަވާ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫގައި ޖުމްލަ 40 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ހެދުމަށް ހަމަޖެހިފައިވާއިރު، ތާރު އަޅައިގެން ތަރައްްޤީކުރާ މަގުތަކުގެ އިތުރުން 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަރައްޤީކުރާ މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރު ކުރުމާއި، ޓްރެފިކް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވެސް ޤާއިމްކުރުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!