25 އަހަރުން މަތީގެ އެންމެންނަށް މިހާރު ވެކްސިން ޖެހޭނެ
އުމުރުން 25 އަހަރުން މަތީގެ ހުރިހާ އެންމެނަށް މާދަމާއިން ފެށިގެން ކޮވިޑް-19 ވެކްސިން ދޭން ނިންމައިފިއެވެ. މީގެ ކުރިން ވެކްސިން ދެމުން އައީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވިދާޅުވީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެކްސިން ޖަހަންދާ މީހުންގެ އަދަދު މިހާރު ވަރަށް މަދުވަމުން އަންނަ ކަމަށް ވެސް އެޗްއޯއީސީން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މިހާތަނަށް 80 ހާހަށް ވުރެ ގިނަ މީހުން ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ.