ޚަބަރު

ޚިޔާނާތާއި، މަރުތަކުގެ ކޮމިޝަންތައް އުވާލަންޖެހޭ، ވީއެއްކަމެއްވެސް ނެތް: ސަލީމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާޢްޖޭގައި ހިންގިފައިވާކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތާކައި، މަރުތަކުގެ މައްސަލަ ބެލުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދު ކޮށްގެން ހިންގާ ކޮމިޝަންތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

Ads by STELCO

ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއްވަވަމުން ސަލީމް ވިދާޅުވީ ސަރުކާރުން ޚަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ކަމަށް ބުނިނަމަވެސް، މީގެކުރިން ދުވަހަކު ވެސް ސިޔާސީ މަޤާމުތައް އިތުރު ނުކުރާ މިންވަރަށް މި ސަރުކާރުން ސިޔާސީ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.

ދައުލަތުން ގެއްލިފައިވާ މުދަލާ ފައިސާ ހޯދުމުގެ ނަމުގާ ސަރުކާރުގެ ބައިތުލްމާލުން ޚަރަދު ކުރާ ގޮތަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ އެފަދަ ބޭކާރު ކޮމިޝަންތައް އުވާލުމަށް ވެސް ސަލީމް ވަނީ ގޮވާލާފައެވެ.

"ދައުލަތުން ގެއްލިފައިވާ މުދަލާ ފައިސާ ހޯދުމުގެ ނަމުގާ ސަރުކާރުގެ ބައިތަލްމާލުން ޚަރަދުކުރާ ގޮތަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފައި ނުވާއިރު، އަދި ޚާއްޞަކޮށް އެމް.އެމް.ޕީ.އާރ.ސީގެ ގެއްލު ފައިސާގެ އެއްވެސް މިންވަރެއް ހޯދިދާނެކަމުގެ އުންމީދެއް ނެތްއިރު، އެ ކޮމިޝަން ހިންގަނީ ކީއްވެތޯ ސުވާލު އުފެދޭ. މިފަދަ ބޭކާރު ކޮމިޝަންތައް އުވާލުމަށް ސަރުކާރަށް ގޮވާލަން." ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނުލިބި، އެ ޚިޔާނާތުގެ އެންމެ ފައިސާ ފޮއްޗެއްވެސް ނުހޯދި، ކޮރަޕްޝަން ހިންގި މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާ ރާއްޖޭން ބޭރުގައި ބޭތިއްބުމަކީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާ ސަރުކާރުގައި މިހާރު ތިބި މީހުންގެ އަތުގައި ހޭކިފައިވާކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި މިއިން އެއްވެސް ކަމަކަށް އަލިއަޅުވައި ލައްވާފައެއް ނުވާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!