ބިންގަނޑު ކަނޑައިގެން ގޮސް 200 އެއްހާ ސަންދޯއް ކަނޑަށް ފައިބައިގެން ހިނގައްޖެ

އިޓަލީގެ އުތުރު ދެކުނުގައި އޮންނަ ކަމޯގްލީ ރަށުގެ ބިންގަނޑު ކަނޑައިގެން ގޮސް، 200 އެއްހާ ސަންދޯއް ކަނޑަށް ފައިބައިގެން ހިނގައްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މީގެ ދެ ދުވަސް ކުރިން ކަމޯގްލީ ގެ ބިންގަނޑު ކަނޑައިގެން ގޮސް، އެސަރަޙައްދުގައި ހުރި 100 އަހަރުވީ ސަހަރާއަކުން 200 އެއްހާ ސަންދޯއް ވަނީ ކަނޑަށް ފައިބައިގެން ގޮސްފައެވެ.
މިހާދިސާ އާއި ގުޅޭ ބައެއް ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، އެމަޖެންސީ ވޯކަރުން ދަނީ ބޯޓު ފަހަރުގައި އެސަންދޯއްތައް ނެގުމަށް މަސައްކަތް ކުރަމުންނެވެ.
އުސް ފަރުބަދައެއްގެ ކުރީގައިވާ ކަމޯގްލީ ގައި ހިނގި މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އިޓަލީގެ ފަޔަރ ސާވިސް އިން ބުނެފައި ވެއެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސް ވެއްޓުނު ގަބުރުސްތާނުގެ ބައި ފިޔަވައި އެހެން ބިލްޑިންގަކަށް ވެސް ގެއްލުމެއް ނުވެއެވެ.
ސަންދޯއްތަކުގައި ހުރި ގަބުރުތައް ހޯދަން މަސައްކަތްކުރާ މީހުންނަށް ހުރަސް އެޅިފައި ވަނީ މި އެކްސިޑެންޓަކީ އަދިވެސް ނުނިމޭ ހާދިސާއަކަށް ވާތީ ކަމަށާއި ބިންގަނޑު ކަނޑައިގެން ގޮސް ކަނޑަށް ފައިބައިގެން ދިޔަ ފަސްގަނޑުގެ ދަށުގައި ގިނަ ސަންދޯއްތަކެއް ވަޅުލެވިފައި ވެދާނެ ކަމަށް ކަމާބެހޭ ބައެއް ފަރާތްތަކުން ލަފާ ކޮށްފައިވެއެވެ.