ބޮލީވުޑް

ރިތިކް ރޯޝަން ފުލުހަށް ހާޒިރުވާން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2016 ވަނަ އަހަރު ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނާވަތުއާ ދެކޮޅަށް އެކްޓަރ ރިތިކް ރޯޝަން ހުށަހެޅި މައްސަލައެއްގެ ބަޔާން ނެގުމަށް އޭނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by Hajj Corporation

މުމްބައީ ޕޮލިސް ކްރައިމް ބްރާންޗުން މި މައްސަލައިގައި ފުލުހަށް ހާޒިރުވާން ރިތިކް އަށް އަންގާފައި ވަނީ މިއަދު އެވެ.

މީގެ ފަސް އަހަރު ކުރިން ރިތިކް ރޯޝަން ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ކޮންމެވެސް މީހަކު އޭނާގެ ނަން ބޭނުން ކޮށްގެން، ފޭކް އީމެއިލް އެކައުންޓެއް ހަދައިގެން، ކަންގްނާ އަށް ހަގީގަތާ ޚިލާފު މެއިލްތަކެއް ކޮށްފައިވާ ކަމަށެވެ.

ކަންގްނާ ބުނެފައިވާ ގޮތުގައި ރިތިކްއާ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް ކައިވެނި ކުރަން ކަންގްނާ ބޭނުންވި ހިސާބުން ރިތިކް ގެ ވާހަކަތައް ބަދަލުވީ ކަމަށް އޭނާ ބުންޏެވެ.

ރިތިކް ވަނީ އެވާހަކަތައް ދޮގުކޮށް، ކަންގްނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

މިވާހަކަތަކުގެ ސަބަބުން އެ ދެ ތަރިންގެ މެދުގައި މައްސަލަތަކެއް ވެސް ޖެހުނެވެ. އަދި ކަންގްނާ ވަނީ ރިތިކް ފޮނުވި އެ މެއިލްތަކުގެ ވާހަކަ ވެސް ބުނެފައެވެ. ރިތިކް ބުނީ އެއީ އޭނާ ފޮނުވި މެއިލްތަކެއް ނޫން ކަމަށެވެ. އަދި އެކަން ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެއަށްފަހު އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ހުރުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު ރިތިކް ވަނީ  އަނެއްކާ ވެސް އެމައްސަލަ ބަލައިދިނުމަށް އެދިފައެވެ. އެހެންކަމުން އެމައްސަލަ ކްރައިމް ބްރާންޗުން ތަހުގީގު ކުރަން އެމީހުންނާ ހަވާލު ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!