ޚަބަރު

"އުތެމަ" އިން ދީން ޤަބޫލުނުކުރާ މީހުން ދިފާޢުކުރާ ކަމަށް ރާއްޖެޓީވީން ބުނުމުން، މާފަށް އެދެން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުތެމަ" އިން، ދީން ޤަބޫލުނުކުރާ މީހުން ދިފާޢުކުރާ ކަމަށް ރާއްޖެޓީވީން ބުނެ ޚަބަރެއް ބްރޯޑްކާސްޓު ކުރުމުން، އެ ޗެނަލް މާފަށް އެދެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފިއެވެ.

Ads by STELCO

އެކޮމިޝަނުން މިރޭ ބުނެފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ހެނދުނު 10:00 ގެ ޚަބަރު ގަޑީގައި ރާއްޖެޓީވީން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓް ކޮށްފައިވާ "އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް….." ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށެވެ.

ބްރޯޑްކޮމް އިން އިތުރަށް ބުނެފައިވަނީ، ޚަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައި އެވަނީ އެ ޚަބަރު ލިޔުނު ނޫސްވެރިޔާ ޚަބަރުގެ ބެކްގްރައުންޑް ލިޔެފައިވާ ގޮތުން ކަމަށެވެ.

އަދި، އެއީ ރާއްޖެޓީވީން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުޞޫލާ ހިލާފަށް މުވައްޒަފެއްގެ ފަރާތުން ހިނގާފައިވާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ޙަވާލާ ދެވުނު ކަންތަކާ ގުޅިގެން ސްޓޭޝަންގެ މެނޭޖްމެންޓުގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، ބްރޯޑްކާސްޓް ކުރެވުނު އެ ޚަބަރު މިހާރު ފެންނަން ހުރި ރާއްޖެޓީވީގެ ވަސީލަތްތަކުން ނެގުމާއެކު މިފަދަކަމެއް އިތުރަށް ތަކުރާރު ނުވާނެގޮތަކަށް އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

"ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރުގެ މައުލޫމާތު އިސްލާހުކޮށް އާންމުކުރުމަށާއި، މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 28 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 08:30 އާ ދެމެދު ރާއްޖެޓީވީން ޢާންމުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ." ބްރޯޑްކޮމް އިން ބުނެފައި ވެއެވެ.

Ads by Ooredoo
  1. ޢީސަދަރި

    މަޢާފަށް އެދެން ޖެހޭނެތާ! ތިޔައީ ދީން ޤަބޫލު ނުކުރާ މީހުން ޙިމާތް ކުރެޔޭ ބުނުމަކީ ކުށެއް ވިއްޔާ! ރަގަޅު ގޮތަކީޔޯ، އިސްލާމްދިނަށް ފާޑުކިޔައި ހެދުމަކީ އެކަންން ކުރާ މީހުންގެ މިނިވަންކަމޭ! ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެކަން ކުރި މީހާގެ ދުލާއި ޤަލަމުގެ މިނިވަން ކަމޭ! އިސްލާމް ދީނާއެއްކޮޅަށް އެއްޗެކޭ ބުނެފިއްޔާ އެއީ “ހަރުކަށި ފިކުރޭ” މިހާރު މިއޮތީ ހަރުކަށި ފިކުރާއި ބުރަކަށި ފިކުރުގެ އަރައިރުން. ﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.