ޚަބަރު

މަންދު ކޮލެޖު އަތުން އެމްއީއެސް އިމާރާތް އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

މަންދު ކޮލެޖު އަތުން ކުރީގެ އެމްއީއެސް ސްކޫލް އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމް ކޮށްފިއެވެ.

Ads by Hajj Corporation

އެޑިއުކޭޝަން މިނިސްޓްރީ އާއި މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު 10 އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެތަން އޭރު މާލޭ ހައި އާ ހަވާލު ކުރީ އިންޓަނޭޝަނަލް ސްކޫލެއް ހިންގާށެވެ.

ނަމަވެސް އެއްބަސްވުމުގައިވާ ގޮތަށް ސްކޫލް ނުހިންގާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު، އެ އެއްބަސްވުން ބާތިލު ކޮށްފައެވެ.

އެއްބަސްވުން ބާތިލު ކުރި މައްސަލަ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ގައި، ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ ކުންފުނިން އެދުނީ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދިނުމަށެވެ. ނަމަވެސް، އޮގަސްޓް 29، 2017 ގައި ސިވިލް ކޯޓުން ހުކުމް ކުރީ މާލޭ ހައިއަށް ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް މާލެ ހައި ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެ ކޯޓުން ނިންމެވީ އެއްބަސްވުން އުވާލާފައި ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު މާލޭ ހައި ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެކަމަކު ގާނޫނީ ވަކީލުންގެ ފީއަށް ހަރަދުވި 53،000 ރުފިޔާ ނަގައި ނުދެވޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެސް ބުނެފައި ވެއެވެ.

ހައިކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، ހައިކޯޓުގެ ނިންމުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ. އެއްބަސްވުމާ މާލޭ ހައިއިން ހިލާފުވިކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

"ކަން މިހެން އޮތް އިރު 14 ދުވަހުގެ ނޯޓިސްއެއް ދީ އެޑިއުކޭޝަންގެ އަމިއްލަ އިސްނެގުމަށް ލީސް އެގްރީމަންޓު ބާތިލު ކުރުމުގައި ދައުލަތުގެ ހެޔޮ ނިޔަތް އޮތް ކަމަކަށް ބުރައެއް ނުވެވޭ،" ސުޕްރީމް ކޯޓުގެ ހުކުމް ގައި ވެއެވެ.

މި މައްސަލަ ބެއްލެވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. ރިޔާސަތު ބެލެހެއްޓެވީ އުއްތަމަފަނޑިޔާރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!