ނައިޖީރިއާއިން ވަގަށް ނެގި 270 އަށްވުރެ ގިނަ އަންހެންކުދިން ސަލާމަތްކޮށްފި
ނައިޖީރިއާގެ ސުކޫލެއްގައި ތިއްބާ، ވަގަށް ނެގި 300 އެއްހާ އަންހެން ކުދިން އެގައުމުގެ ސަލާމަތީ އިދާރާތަކުން ސަލާމަތް ކޮށްފިއެވެ. މި ކުދިން ވަގަށް ނަގާފައި ވަނި ޒަމްފާރާ ސްޓޭޓުގެ ބޯޑިން ސުކޫލަކުންނެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި އެކުދިން ވަގަށް ނަގާފައި ވަނީ ކޮން ބައެއްކަން މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ހުކުރު ދުވަހު ހިނގި މިހާދިސާގައި އެކުދިން ގެންގޮސްފައި ވަނީ އެ އަވަށުގެ ވަލުތެރެއަކަށް ކަމަށް ފުލުހުން ބުނެއެވެ.
ޒަމްފާރާ ސްޓޭޓުގެ މޭޔަރު ވަނީ އެ ސުކޫލުން ގެއްލުނު، 279 އަންހެން ކުދިން މިނިވަން ކޮށްފައިވާ ކަން އިއުލާނު ކޮށްފައެވެ. މިކުދިން މިނިވަން ކޮށްފައި ވަނީ ސަރުކާރާއި، ކިޑްނެޕަރުންނާ ދެމެދު ވެވުނު އެެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިކުދިން މިނިވަން ކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. އަދި މިނިވަން ކުރުމަށް ފަހު، ކުދި ބަސްތަކެއްގައި، ޒަމްފާރާގެ ސަރުކާރު އިމާރާތަކަށް އަންގާރަ ދުވަހު ވަނީ ގެންގޮސްފައެވެ.
މީގެތެރެއިން ގިނަ ކުދިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އަނިޔާގެ ސަބަބުން ގިނަ ކުދިންނަށް ހިނގަން ވެސް އުނދަގޫ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި ގެންދިޔަ ކުއްޖަކު ބީބީސީއަށް ކިޔައިދިން ގޮތުގައި އެކުދިން ގެންދިޔަ މީހުން ތިބީ ހަތިޔާރު އަޅައިގެންނެވެ. އަދި ކޯރު ހުރަސްކޮށް ވަލުތެރޭގައި ހިނގަން މަޖުބޫރު ކުރުވި ކަމަށާއި އެކަމަށް ދެކޮޅު ހަދާ ކުދިން ގަޔަށް ބަޑި ޖަހާނެ ކަމަށް ވެސް އެމީހުން ބުނި ކަމަށް އެކުއްޖާ ބުނެފައިވެއެވެ.
އަދި ބައެއް ކުދިން ނުހިނގިގެން ހުއްޓުމުން، ބަނޑިން އެކުދިންގެ ގައިގައި ޖަހާފައިވާ ކަމަށް ވެސް އެކުއްޖާ ކިޔައިދިނެވެ.
އަންހެންކުދިން ވަގަށް ނަގާ، ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގުމަކީ ނައިޖީރިއާގައި ވަރަށް ގިނައިން ހިނގަމުން އަންނަ ކަމެކެވެ.