ނިއު ޒިލޭންޑަށް އެރި ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފި

ނިއު ޒިލެންޑުގެ އުތުރުގެ ރަށަކަށް އެރި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން، ސުނާމީއެއް އަރައިފާނެ ކަމަށް ދިން އިންޒާރު ނަގައިފިއެވެ.
ނިއު ޒިލެންޑް ގެ ނޭޝަނަލް އެމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (ނޭމާ) އިން ބުނީ، ސުނާމީގެ އިންޒާރު މިހާރު ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް އަތިރިމައްޗާ ގާތަށް ނުދިޔުމަށް ނޭމާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރޭގެ ވަގުތެއްގައި ނިއު ޒީލެންޑްގެ ކާމަޑެކް އައިލެންޑަށް ތިން ބިންހެލުމެއް އެރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން އެންމެ ފަހުން އެރީ ރެކްޓާ މިންގަނޑުން 8.0 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މިބިންހެލުން ތަކާ ގުޅިގެން ފްރެންޗް ޕޮލީނީޝިއާ އަށް 3 ފޫޓާއި 10 ފޫޓް އުސްމިނުގެ ރާޅެއް އަރާފާނެ ކަމަށާއި ނިއުޒީލެންޑަށް ވެސް 3 ފޫޓު އުސްމިނުގެ ރާޅެއް އަރައިފާނެ ކަމަށް ވެސް އެމެރިކާގެ ސުނާމީ ވާނިންގ ސިސްޓަމުން ކުރިން ވަނީ ބުނެފައެވެ.
އެއިންޒާރާއެކު އެސަރަޙައްދުގައި ދިރިއުޅޭ ގެތަކުގެ މީހުން ވެސް ވީ އެންމެ އަވަހަަކަށް އެމީހުންގެ ގެ ތަކުން ނުކުތުމަށް ވެސް އެންގިއެވެ. ނަމަވެސް މިހާރު އެމީހުން އެނބުރި ގެއަށް ދިޔުމުގެ ހުއްދަ ވަނީ ދީފައެވެ.
ނިއުޒިލެންޑަށް އިއްޔެ އެރި ބިންހެލުންތަކާ ގުޅިގެން އެއްވެސް މީހަކު މަރުވިކަމަކަށް ނުވަތަ ޒަޚަމްވި ކަމަކަށް އަދި އެއްވެސް ރިޕޯޓަކުން ބުނެފައެއް ނުވެއެވެ.