ރިޕޯޓް

ތިޔައީ ކޮންމެ ދުވަހެއްގެ ވެސް "ހީރޯ" އިންނެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ. މިއަދު މުޅި މީސްމީޑިއާގައި ފެނިގެން ދަނީ އަންހެނުންގެ އަގު ވަޒަންކޮށް ކޮށްފައިވާ ޕޯސްޓުތަކެވެ. އިވެނީ އަންހެނުންނަށް ޚާއްސަކޮށް ހަދާފައިވާ ޅެން ބައިތުތަކުގެ އަޑެވެ. ލަވަތަކުގެ އަޑެވެ. ފެންނަނީ އަންހެނުންނަށް އެކިއެކި ހަދިޔާ ބަދިޔާ ދޭ މަންޒަަރެވެ. ކޮންމެއަކަސް މިއީ ކޮންމެ އަހަރަކު ވެސް މާރޗް 8 ގައި ކަން ހިނގާ ގޮތެވެ. މިއީ އަލަކަށް ހިނގާ ކަމެއް ނޫނެވެ.

Ads by Hajj Corporation

ހަޤީގަތް ދަންނަވަންތޯއެވެ. އަންހެނުންނަކީ ކޮންމެ ދުވަހެއްގެ ވެސް "ހީރޯ" އިންނެވެ. އެއިން ކޮންމެ ކަނބަލަކީ ނުހަނު ހިތްވަރުގަދަ ބަޠަލެކެވެ. މިހެން ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އަންހެނުންނަށް އަޅުގަނޑުމެން އިހްތިރާމް ކުރަން ޖެހޭ ސަބަބުތައް ބައިވަރެވެ.

ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް މަންމައެއް ހުންނާނެއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެ މަންމަ ތިބާއަށް ޓަކައި އުފުލި ބުރަ އާއި ވޭން ހިތަށް ގެނެސްބަލާށެވެ. އެމަންމަ ތިބާއަށް ޓަކައި ވީހާ ގުރުބާނީތަކާ މެދު ވިސްނާލަ ބަލާށެވެ. ތިބާއަށް ޓަކައި އޭނާ ކިތައް ރޭގެ ނިދި ގުރުބާން ކޮށްލި ތޯ ތިބާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަލާށެވެ. ތިބާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި އެ މަންމަ ކިހާ ބުރަ މަސައްކަތެއް ކުރި ތޯ ވިސްނާލަބަލާށެވެ. ތިބާއަށް މީރު ކާނާ ކާން ދިނުމަށްޓަކައި އެ މަންމައަށް މީރު އެެއްޗެއް ލިބިއްޖެނަމަ ކިތަންމެ ބޭނުންވިޔަސް އުފަލާއެކު ތިބާއަށް ގެނެސްދެނީ ކިތައް ފަހަރު ތޯ ވިސްނާލަ ބަލާށެވެ. އެ މަންމަ ކޮންމެ ހާއްސަ މުނާސަބަތަކަށް އައު ހެދުމެއް ނުފެހި ނަމަވެސް ތިބާއަށް ރީތި ހެދުމާއި އަންނައުނު ހޯދައިދެވޭތޯ މަސައްކަތް ކުރީ ކިހާވަރަކަށް ތޯ ވިސްނާލަ ބަލާށެވެ.

މި ނިމުނީއެެއް ނޫނެވެ. މި ކަންކަން ތިބާއަށް ނުވިސްނޭ އިރު ތިބާ އެމަންމަގެ އިހްސާސްތަކަކަށް ވެސް އިހްތިރާމެއް ނުކުރެއެވެ. މަންމަ ރޮއްވާ ދެރަ ކުރާއިރު އެ މަންމަގެ ހިތުގައި އަޅާނެ ވޭން ތިބާ އެއް ފަހަރު ވެސް ވިސްނައެއް ނުލައެވެ. ތިބާގެ އުޅުމަށް އަންނަ ކޮންމެ ނޭދެވޭ ބަދަލެއްގެ ސަބަބުން އެ ފަކީރު އަޅާ ކަރުނަ ދެނެވޮޑިގެންވާނީ މާތްﷲ ކަން ޔަގީނެވެ. އެކަމަކު ވެސް ތިބާގެ ފަރުވާލެއް ނެތެވެ. އެ މަންމަގެ ކަރުނަތަކަށް ވުރެ ތިބާއަށް ދުނިޔޭގެ މަޖަލާއި އުފާ މާ އަގުބޮޑެވެ.

އޭ އަޚާއެވެ. މާދަމާ ތިބާ މީހަކާ ވެސް އިންނާނެ ނޫން ހެއްޔެވެ. އެ ދުވަހުން އަނބިމީހާއާ ދޭތެރޭ ތިބާ ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ. އެ އަނބިމީހާ ތިބާއަށް ޓަކައި ކޮށްދޭހާ ކަންތައްތަކުގެ އަގު ތިބާ ވަޒަން ކުރާނީ އަންހެނުންގެ ދުވަހު ތިބާ އޭނާއަށް ދޭ މާ ބޮނޑިއަކުން އެކަނި ހެއްޔެވެ. ނުވަތަ އޭނާގެ އުފަންދުވަހު ދޭ ހަދިޔާއަކުން އެކަނި ހެއްޔެވެ.

ނޫނެކެވެ. ތިބާއަށް ވަރަށް ބޮޑަށް ވެސް އޮޅިއްޖެއެވެ. އަނބިމީހާ އުފަލުގައި ބެހެއްޓުމަކީ ކޮންމެ ފިރިއެއްގެ މައްޗަށް ވެސް ލާޒިމު ކަމެކެވެ. އޭނާ އަކީ ވެސް ތިބާގެ ދިރިއުޅުމުގެ ހިއްސާދާރެކެވެ. އޭނާ ގޮވައިގެން ބޭރަށް ދުއްވާލަން ދާން ވެސް މިއަދު ތިބާއަށް ވަގުތެއް ނުވެއެވެ. ގެއަށް ވަންނަނީ ގޮސް މެންދަމު 2 ޖަހާ ބޮޑުވާ ފަހުންނެވެ. ގެއަށް ވަންނައިރު ކާ މޭޒު މަތީގައިވާ ކާ އެއްޗެހި ތިބާއަށް ފެނެއެވެ. އަދި ކޮޓަރީގައި ނިދާފައިވާ އަނބިމީހާ ވެސް ފެނެއެވެ. އޭނާ އަށް ގިނަ ރޭރޭ ނިދެނީ ތިބާއަށް މީރު ކާ އެއްޗެހި ތައްޔާރު ކޮށްގެން ތިބާގެ އިންތިޒާރުގައި އިންދާއެވެ.

މިއަދު އެކަނި އަންހެނުންގެ ރަނގަޅު ވާހަކަ ދައްކާނެ ކަމެއް ނެތެވެ. މިއަދު އެކަނި އަންހެނުންނަށް ހަދިޔާ ދޭނެ ކަމެއް ނެތެވެ. އަދި މިއަދު އެކަނި އަންހެނުން ގޮވައިގެން ބޭރަށް ކާން ގޮސް ހަދާނެ ކަމެއް ވެސް ނެތެވެ. އަންހެނުންގެ އަގުވަޒަން ކުރަންވީ މިއަދު އެކަންޏެއް ނޫނެވެ. އަންހެނުންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް މަތިވެރި މަގާމެއް ދެވިފައިވާ ބައެކެވެ. އެ ކަނބަލުންނަށް އިހްތިރާމް ކުރުމަށް ކީރިތި މާތް ނަބިއްޔާ ވަސިއްޔަތް ކުރައްވާފައިވެއެވެ.

ލޮބުވެތި ކަބަލުންނެވެ. ކުރުކޮށް ފޮނިކޮށް ނިންމާލަމާ ހިނގާށެވެ. ތިޔައީ ކޮންމެ ދުވަހެއްގެ ވެސް "ހީރޯ" އިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!