ދުނިޔެ

ރާނީ ނިޔާވުމާ އެކު.. އޮޕަރޭޝަން ލަންޑަން ބްރިޖް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

1200 އަހަރުވީ ދިގު ރަސްކަމެކެވެ. 61 ރަސްކަލުންނާއި ރަނިކަނބަލުން އެތަޚުތުގައި ވެރިކަން ކުރެއްވިއެވެ. މިދައްކަނީ އިނގިރޭސިވިލާތުގެ ތަޚްތުގެ ވާހަކައެވެ. އަހަރެމެން ހަނދާން ހުންނަން ފެށީއްސުރެ އިނގެރޭސި ތަޚްތުގައި އިންނަވަނީ ރާނީ އެލިޒަބެތް 2 އެވެ. އެކަމަނާގެ ރަނިކަމުގައި 13 ބޮޑު ވަޒީރަކު އިނގިރޭސިވިލާތުގައި ވެރިކަން ކުރައްވާފައި ވެއެވެ.

Ads by Sosun Fihaara

އޭޕްރީލް 9 ވަނަ ދުވަހު ރާނީގެ ފިރިކަލުން 99 އަހަރުފުޅުގައި ނިޔާވެފައިވާއިރު، ގިނަ ބައެއްގެ ސުވާލު މިހާރު ހުއްޓިފައި ވަނީ އެއް ކަމަކަށެވެ. އެއީ ރާނީ ނިޔާވުމުން ދެން ކަންތައް ހިނގާނެ ގޮތަކާ ދޭތެރޭގައެވެ. އިނގިރޭސިވިލާތަށް އަންނާނެ ބަދަލުތަކާއި އެދުވަހު ކަން ހިނގާނެ ގޮތްތަކާ މެދުގައެވެ. އެކަމަނާގެ ރަނިކަމަށް މިހާރު 68 އަހަރު ފުރިފައިވާއިރު، ދެން ރަސްކަމަށް އިސްވާ ބޭފުޅަކާއެކު އިނގިރޭސި ވިލާތަށް އަންނާނެ ބަދަލުތަކާ މެދުގައެވެ.

އޮޕަރޭޝަން ލަންޑަން ބްރިޖު

ރާނީ އަވަހާރަވުމާއެކު ދެން ކަންތައް ކުރާނެ ގޮތުގެ ރިހާސަލް ރަނީ ރަސްކަމާ ހަވާލުވެ ވަޑައިގެންނެވިތާ 3 އަހަރު ފަހުން ވަނީ ފަށާފައެވެ. ރާނީގެ މަރާއެކު ދެން ކަންތައް ވާނެ ގޮތްތައް ތަރުތީބު ކޮށްފައިވާ އޮޕަރޭޝަންއަށް ކިޔަނީ އޮޕަރޭޝަން ލަންޑަން ބްރިޖްއެވެ.

ރާނީގެ މަރުގެ ޚަބަރު ރާނީގެ ޑަކްޓަރުންގެ ޓީމުން ފުރަތަމަ ދޭނީ، ރާނީގެ ޕްރައިވެޓް ސެކްރެޓަރީ އެޑްވާޑް ޔަންގް އަށެވެ. އެއާއެކު، އެޑްވާޑް މި ޚަބަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވާ އަރުވާނެއެވެ. އެޑްވާޑް މި ޚަބަރު ބޮޑު ވަޒީރަށް ދޭނީ ކޯޑް ބަހަކުންނެވެ. އެއީ "ލަންޑަން ބްރިޖް ޑައުން" މިހެންނެވެ. މިއާއެކު، އޮޕަރޭޝަން ލަންޑަން ބްރިޖް ފެށޭނެއެވެ. އަދި ބޮޑު ވަޒީރުގެ އޮފީހުން، ރާނީ ، ރަނިކަން ކުރައްވާ އިތުރު 15 ޤައުމުގެ އިސްވެރިޔާއަށް މި ޚަބަރު ދޭނެއެވެ. އެއަށްފަހު ކޮމަންވެލްތުގެ 36 ޤައުމުގެ ވެރިންނަށް ޚަަބަރު ފޮނުވާނެއެވެ. ކޮމަންވެލްތް ޤައުމުތަކަށް ފަހު ރާނީގެ މަރުގެ ޚަބަރު ދެން ފޮނުވާނީ އެމެރިކާ، ޗައިނާ، ރަޝިއާ ފަދަ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށެވެ.

އާއްމުންނަށް ރާނީގެ މަރުގެ ޚަބަރު ލިބޭނީ ލީޑަރުންނަށް މިޚަބަރު ލިބޭތާ، ގަޑިއިރެއްގެ ފަހުންނެވެ. ރާނީގެ މަރުގެ ޚަބަރު އާއްމުންނަށް އެންގުމަށްޓަކައި ބަކިންހަމް ޕެލެސްގައި ކަޅު ކުލައިގެ ބޮޑު ނޯޓިސްއެއް ހަރު ކުރެވޭނެއެވެ. އަދި މިޚަބަރު ހުރިހާ މީޑިއާއަކާ ހިއްސާ ކުރެވޭނެއެވެ.

ރާނީގެ މަރާއެކު މީޑިއާތައް ވަގުތުން އެލާޓަށް ގެނެވޭނެއެވެ. ރާނީގެ މަރުގެ ޚަބަރުތައް ގެނެސްދޭން މީޑިޔާތަކުން ދުރާލާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިގޮތުން ބީބީސީ އިން ކޮންމެ އަހަރެއްގައި ރާނީގެ މަރުގެ ޚަބަރު އެކި ގޮތް ގޮތަށް މުރާޖަޢާ ކުރެއެވެ.

މީޑިއާތަކުން ރާނީގެ ޚަބަރު ގެނެސްދޭ ފަރާތްތައް ލައިގެން ތިބޭނީ ކަޅު ހެދުމެކެވެ. އެއީ ރާނީއަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އަދި އިނގިރޭސި ވިލާތުގެ ހުރިހާ ރޭޑިއޯ ސްޓޭޝަންތަކުން ބްރޯޑްކާސްޓް ކުރުން ހުއްޓާލާނެއެވެ. ބީބީސީއިން ގެނެސްދޭ އިތުރު ޗެނަލްތައް ވެސް ބްރޯޑް ކާސްޓް ކުރުން ހުއްޓާލާނެއެވެ. އަދި ބީބީސީ ވަންގެ ފީޑް ހުރިހާ ޗެނަލް އަކުން ގެންނާނެއެވެ. ރާނީގެ މަރުގެ ޚަބަރު ހުރިހާ މީޑިއާއަކުންހެން ގެންނާނީ އެއްކޮށެވެ. އޮންލައިން މީޑިޔާ އައުޓްލެޓްތަކުގެ ވެބްސައިޓްތައް ވެސް މި ދުވަހަށް ކަޅުކޮށްލާނެއެވެ. އަދި އިނގިރޭސި ވިލާތުގައި ގެނެސްދޭ ހުރިހާ ކޮމިޑީ ޝޯތައް އަންނަ ޗެނަލްތައް ބްރޯޑްކާސްޓް ކުރުން ހުއްޓާލާނެއެވެ.

ރާނީ އަވަހާރަވާ ދުވަހު ރާނީގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ތަޚުތާ ހަވާލުވާނެއެވެ. ރަސްކަމަށް ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ޗާލްސް ޤައުމާ މުޚާތަބު ކުރައްވާނީ ރާނީ އަވަހާރަވާތާ ދެވަނައަށްދާ ދުވަހުއެވެ. އެއަށްފަހު ރާނީ އަވަހާރުވުމާ ގުޅިގެން ހިނގާ ކަންކަން 7 ދުވަހަށް ދެމިގެންދާނެއެވެ. އެކަންކަމާ ގުޅޭ ގޮތުން ތަފްސީލްކޮށް އާޓިކަލްއެއް ގެނެސްދޭނަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!