ކޮވިޑް-19: އިޓަލީގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ ފިޔަވަޅުތައް އިތުރުކޮށް، ފިހާރަތައް ވެސް ބަންދު ކުރަނީ
ކޮވިޑް-19 ގެ އާ ރާޅެއް އިޓަލީގައި ފެތުރި، ބައްޔަށް ފައްސިވާ މީހުން ގިނަވަމުންދާތީ ޤައުމުގައި ސަލާމާތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
އިޓަލީގެ ބޮޑުވަޒީރު މާރިއޯ ދްރާގީ ވިދާޅުވީ، ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން ދިޔުމާ ގުޅިގެން އިޓަލީގެ ސްކޫލްތަކާއި، ރެސްޓޯރަންޓުތަކުގެ އިތުރުން ފިހާރަތައް ވެސް ބަންދު ކުރަން ނިންމާފައިވާ ކަމަަށެވެ.
މީގެއިތުރުން އަންނަ އޭޕްރިލް މަހުގެ 5-3 އަށް އެޤައުމު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ދްރާގީ ވިދާޅުވެފައި ވެއެވެ.
ފާއިތުވީ އަހަރު މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރެން ފެށުމުން، އިޓަލީ އަކީ އެންމެ ފުރަތަމަ ފުރަބަންދު ކުރި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
އެއަށްފަހު މިއަހަރު އަނެއްކާ ވެސް ބައްޔަށް ފައްސިވަމުންދާ މީހުން އިތުރުވަމުން ދިޔުމާ ގުޅިގެން، އިޓަލީން ދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިޓަލީގައި މިހާތަނަށް މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 100،000 އަށްވުރެ ގިނައެވެ. އިނގިރޭސިވިލާތަށް ފަހު، ޔޫރަޕުން އެންމެ ގިނަ މީހުން މިބަލީގައި ނިޔާވީ ވެސް އިޓަލީ އިންނެވެ.
އިޓަލީގައި މީގެ ކުރިން ފައިޒާ ވެކްސިން ދިނުމަށްފަހު، ޔޫރަޕްގެ އިތުރު ފަސް ޤައުމަކުން ވަނީ އަސްޓްރާޒެނެކާ ވެކްސިން ދިނުން މަނާ ކޮށްފައެވެ.