ސިޔާސީ މީހުންނާ ބައްދަލު ކުރުމަކީ މަނާ ކަމެއް ނޫން: އީސީ ޝަރީފް
ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާ ބައްދަލު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް މަނާ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓު ކޮށްފައި ވަނީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއެކު ކެފޭއެއްގައި އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އިދިކޮޅު ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ދައުރު ކުރަމުން އަންނާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ސިޔާސީ އެކިއެކި ފަރާތްތަކާއި ބައްދަލުކުރުމަކީ މަނާކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ އެހެން ޕާޓީ ތަކުގެ މީހުންނާ އެކީގައި ވެސް އެގޮތަށް ބައްދަލުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“ތިގޮތަށް އެހެން ޕާޓީ ތަކުގެ މެންބަރސް އާ އެކީގަވެސް އިށީންނަން، ތީ އެއްގޮތަކަށް ވެސް އީސީގެ މެންބަރަކަށް މަނާ ކަމެއް ނޫން އިނގޭތޯ” ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ އިތުރު ޓްވީޓެއްގައި އޭނާ ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި މިވަގުތު އިދިކޮޅުގެ ލީޑާޝިޕްގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއާއެކު ވެސް ކެފޭއެއްގައި އިންނެވި ކަމަށެވެ.
“މިދިޔަ ހަފްތާގައި އައިލެންޑް ކިޗެން ކިޔާ ކެފޭ އެއްގަ އަހުމަދު ޝިޔާމް އާއި ހުސައިން މުހައްމަދު ލަތީފްއާ އެކީވެސް އިނިން. ތަފާތަކީ އެވަގުތު ކައިރީގައި ތިބި އެމްޑީޕީ އެމްޕީސް ފޮޓޯ ނުނެގީ” ޝަރީފް ވިދާޅުވިއެވެ.