ޚިދުމަތުގައި 30 އަހަރު: އާއިލާގެ ނުރުހުމުގައި މައުސޫމާ އިޚްތިޔާރު ކުރީ ފަޚުރުވެރި ދާއިރާއެއް
ޤައުމަށް ޚިދުމަތް ކުރާ ކޮންމެ މީހަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އޭގެ ތެރެއިން ވެސް ނަރުހުންނަކީ ވަރަށް ޚާއްސަކޮށް ފާހަގަ ކޮށްލެވޭ ބައެކެވެ. ރެއާއި ދުވާލު އެކަނބަލުން ކުރައްވާ މަސައްކަތަކީ، ދުލާއި ގަލަމުން ބަޔާން ކޮށްދެވޭ ވަރަށް ވުރެ ވެސް ބުރަ އަދި އެހާމެ މާތް މަސައްކަތެކެވެ.
މިއީ ނަރުހެއްގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ، ކްލިނިކަލް ނާސް މައުސޫމާއާ ބެހޭގޮތުން ކުޑަ މައުލޫމާތު ކޮޅެކެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ މައުސޫމާ، މިދާއިރާގައި މިހާރު ޚިދުމަތް ކުރައްވާތާ ދިގު 30 އަހަރު ވެއްޖެއެވެ. މައުސޫމާ ސިފަ ކުރިގޮތުގައި ބުރަ މަސައްކަތުން އޭނާގެ ހަށިގަނޑުން އޮހޮރުނު ކޮންމެ ދާތިއްކަކަކީ ވެސް، އޭނާ މިމަސައްކަތަށް ހިތް ޖެހިފައިވާ މިންވަރު ބަޔާން ކޮށްދޭ އެއް ހެއްކެވެ.
"ދެން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މައުސޫމާ ވިދާޅުވީ ނަރުހެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ ސެންޓްރަލް ހޮސްޕިޓަލުގައި ކަމަށާއި އެއަށް ފަހު މިހާރު އައިޖީއެމްއެޗްގައި ކަމަށެވެ. އަދި އޭގެ އިތުރުން 2000 ވަނަ އަހަރުން ފެށިގެން ވެކްސިނޭޝަންގެ ކަންތައްތަކާ ވެސް މައުސޫމާ ހަވާލުވެ ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުުވިއެވެ.
"އަޅުގަނޑަކީ އެޗްޕީއޭގެ ވެކްސިން އިމުނައިޒޭޝަން ކޮމިޓީގެ މެމްބަރެއް، އޭއެފްއައި ކޮމިޓީގެ ވެސް މެމްބަރެއް، އަދި ޕޯލިއޯ އެރިޑިކޭޝަން ކޮމިޓީގެ ވެސް މެމްބަރެއް. އެއީ ރާއްޖެއިން ޕޯލިއޯ ނައްތާލުމަށް އުފެއްދި ކޮމިޓީއެއް. އައިޖީއެމްއެޗްގެ ފަރާތުން ރާއްޖޭގައި ކޮންމެ ވެކްސިނެއް ޖަހަން ފެށިޔަސް އަޅުގަނޑު އިންނާނީ ފޯކަލް ޕޮއިންޓުގައި" މައުސޫމާ ވިދާޅުވިއެވެ.
މައުސޫމާ ވިދާޅުވި ގޮތުގައި ނަރުހަކަށް ވުމަކީ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. އެގޮތުން އޭނާގެ މައިންބަފައިން ގާތު ވެސް އެދާއިރާގައި ކުރިއަށް ދާން ފުރުސަތު ދިނުމަށް އާދޭސް ކުރި ކަމަށް ވެސް މައުސޫމާ ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ އެންމެ ކުޑައިރުއްސުރެ ނާރސިންގ ހަދާ ހިތުން، މައިންބަފައިން ކައިރީގައި ބުނެގެން، ސްކޫލް ނިންމާފައި ހެލްތު މިނިސްޓްރީން އިއުލާނު ކުރި ސްކޮލާޝިޕެއްގެ ދަށުން ބޭރަށް ގޮސް ކިޔަވައިގެން އައިސް ނާރސިންގ ފީލްޑަށް ވަދެވުނީ" މައުސޫމާ ވިދާޅުވިއެވެ.
"އާއިލާގެ ބައެއް މީހުންނަށް ކަމަކު ނުދިޔަ މިމަސައްކަތް ކުރާކަށް. ބުނި ހަޑިކަންތައް ކުރަން ޖެހޭނެއޭ. އެކަމަކު އަޅުގަނޑު އެ އަޑުނާހާ ނާާސިންއަށް ޝައުޤުވެރިކަން ހުރިވަރުން ހަމަ ކުރިއަށް ދިޔައީ"
ނަރުސް ކަމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ އާއިލީ ޒިންމާތަކާއި ވަޒީފާ އެކުއެކީގައި ބެލެހެއްޓުން ކަމަށް ވެސް މައުސޫމާ ވިދާޅުވިއެވެ.
"އެހެންމީހުންގެ އިންނަނީ އެންމެ ބޮޑު އިސްކަމެއް އާއިލާއަށް ދިނުމަށް، އެކަމަކު އަޅުގަނޑުމެންނަށް ފުރަތަމަ އިސްކަމެއް ދޭން ޖެހެނީ މަސައްކަތަށް. ފެމިލީ ކަންކަން އެއް ފަރާތަކަށް ޖައްސާފައި، ކުދިން ކުޑައިރުއްސުރެ ބަލަން ގެއަށް މީހަކު ގެނެސްގެން އަޅުގަނޑުމެން އުޅެނީ މަސައްކަތުގައި" މައުސޫމާ ވިދާޅުވިއެވެ.
މީގެ އިތުރުން މައުސޫމާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ބައެއް ފަހަރު އެއްޗެހި ނުލިބުމަކީ ވެސް ކުރިމަތިލާން ޖެހޭ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ބައެއް ފަހަރު އެއްޗެހި ނުލިބޭ ފަހަރު ވެސް އާދޭ، ދެން ލިބުނު އެއްޗެއް ބޭނުން ކުރަމުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ. މަސައްކަތަށް ބުރޫއެއް ނާރާނެ ގޮތަށް އެހުރިހާ ގޮންޖެހުންތަކަކާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ." މައުސޫމާ ވިދާޅުވިއެވެ.
ވެކްސިންދޭން ދިޔަ ދުވަސްތަކުގެ ތަޖުރިބާ
ރާއްޖޭގައި އެންމެ ގަދަޔަށް ކޮވިޑް-19 ފެތުރެމުން ދިޔައީ މިދިޔަ އަހަރު ކަމަށްވުމާއެކު މުޅި އަހަރު ވެގެން ދިޔައީ ބުރަކޮށް މަސައްކަތް ކުރި އަހަރެއް ކަމަށް މައުސޫމާ ވިދާޅުވިއެވެ. އަދި މިއަހަރު ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުރިއަށްދިޔަ ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ވެސް ވަރަށް ބުރަކޮށް އުޅެން ޖެހުނު ކަމަށް މައުސޫމާ ފާހަގަ ކުރިއެވެ.
"ސޯޝަލް ސެންޓަރުގައި އަޅުގަނޑު މަސައްކަތް ކުރީ ވެކްސިން ދިނުމަށް. އާންމުކޮށް އެތަނަކަށް ނާދޭ ވެކްސިން ނުޖަހާކަށް އެއްވެސް މީހަކު. އެކަމަކު ބައެއް މީހުން ވެކްސިން ޖަހަން އައިސްފައި ވަރަށް ސުވާލު ކުރޭ. ވެކްސިން ޖެހީމަ ވާނީ ކިހިނެއްތޯ، ކޮން ކަހަލަ ސައިޑް އިފެކްޓުތަކެއްތޯ ހުންނާނީ. ދެން އަޅުގަނޑުމެން ކިޔައިގެން ހުންނާނީ ކޮން ސައިޑް އިފެކްޓް ތަކެއްތޯ، ސައިޑް އިފެކްޓެއް އައިސްފިއްޔާ ދެން ހަދާނެ ގޮތާއި ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން ކިޔައިދެމުން ދަނީ" މައުސޫމާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ވެކްސިން ދީފައިވާއިރު، މިހާރު ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށާއި އެގޮތުން ސޯޝަލް ސެންޓަރުގައި އައިޖީއެމްއެޗް ގެ ސްޓާފުން އެކަނި ވެސް 45،000 އެއްހާ މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށް މައުސޫމާ މައުލޫމާތު ދެއްވިއެވެ.
"އަޅުގަނޑުމެން ހެނދުނު 7:00 ގައި ވެކްސިން ސެންޓަރުތަކަށް ދަން. އެގަޑީގައި ގޮސްފައި 9:00 ޖަހާއިރު ވެކްސިން ދޭން ފަށަނީ. އެއަށްފަހު އިރުއޮއްސި 7:30 ހާއިރު ނިންމާލެވޭވަރު ވާނީ." މައުސޫމާ ވިދާޅުވިއެވެ.
"ހޮސްޕިޓަލުގެ ފަރާތުން ކެއިންބުއިމުގެ ކަންތައް ހުންނަނީ ހަމަޖައްސާފަ. ނަމާދު ކުރަން ވެސް ދެވޭ. ނަމަވެސް ބްރޭކެއް އަނެއްހެން އަޅުގަނޑުމެންނަކަށް ނުނެނގޭ"
ބުރަ ދުވަސްތަކުގައި އާއިލީ ޒިންމާތައް އަދާކުރި ގޮތް
މިފަދަ ބުރަ ވަޒީފާއެއް އަދާކުރާއިރު، ޚާއްސަކޮށް އަންހެނަކަށް އެންމެ އުނދަގޫ އެއް ކަމަކަށް ވާނީ އާއިލީ ޒިންމާތައް ރަނގަޅަށް ބެލެހެއްޓުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ފުރަބަންދު ކުރި ދުވަސްތަކުގައާއި މިއަހަރު ހިންގުނު ވެކްސިނޭޝަން ޕްރޮގްރާމުގެ ދުވަސްތަކުގައި މައުސޫމާ ގޭތެރޭގެ ކަންތައްތައް ބެލެހެއްޓީ ކިހިނެއްތޯ ވެސް ސުވާލު ކޮށްލީމެވެ.
"އެދުވަސްތަކުގައި ދިޔައީ ވަޒީފާއާއި އާއިލީ ޒިންމާތައް ވެސް ބަހާލައިގެން ދެ ކަންތައްވެސް ބަލަހައްޓަމުން. އަޅުގަނޑަކީ ވަަރަށް ފަތިހާ ތެދުވާ މީހެއް. އެގޮތުން ފަތިހު ތެދުވެ، ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، މެންދުރަށް ވެސް ކައްކާފައި ސައި ބޮއެގެން އަޅުގަނޑު ޑިއުޓީއަށް ދަނީ. އަޅުގަނޑުގެ ތިބެނީ ބޮޑު ވެފައި ތިބި ދެ ފިރިހެން ދަރިން. އެކުދިން އަމިއްލައަށް ދެން ކުރަން ހުންނަ ކަންކަން ކޮށްލާނެ. ދެން ޑިއުޓީ ނިންމާފައި ގެއަށް ގޮސް އަޅުގަނޑު ދެން ކުރަން ހުންނަ ކަންކަން ކޮށްލަނީ" މައުސޫމާ ވިދާޅުވިއެވެ.
މައުސޫމާ ބުނީ ގޭތެރޭގެ ކަންކަންކޮށް ނިންމާލުމަށްފަހު އޭނާ އަމިއްލައަށް އޭނާއަށް ވަގުތު ކޮޅެއް ހޯދާލާ ކަމަށެވެ. އެގޮތުން އެގަޑީގައި ޓީވީ ވެސް ބެލުމަށް ފަހު، ނިދަނީ ހަމަޖެހިގެން ކަމަށް ވެސް މައުސޫމާ ވިދާޅުވިއެވެ.
ހަނދާނުން ފުހެލަން އުނދަގޫ ބައެއް ހާދިސާތައް
ދާއިރާގައި 30 އަހަރު ހޭދަ ކޮށްފައިވާއިރު، މައުސޫމާގެ ވެސް ހިތުން ފިލުވާލަން ދަތި ބައެއް ހާދިސާތައް ވެއެވެ. އެގޮތުން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ހަމިންގްބާޑްގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާ އޭނާ ވަނީ ފާހަގަކޮށްފައެވެ.
"އެ ހާދިސާ ހިނގި ދުވަހު ފަތިހު އަޅުގަނޑުމެން އައިސް، ދެ ދުވަސް ވަންދެން ގެއަށް ނުގޮސް އަޅުގަނޑުމެން ހޭދަ ކުރިން ނިޔާވި މީހުންގެ ހަށިގަނޑުތައް ބެލެހެއްޓުމުގައި ވެސް، އަދި އާއިލާތައް ވެސް މަސަލަސް ކުރުމުގައި ވެސް" މައުސޫމާ ވިދާޅުވިއެވެ.
އެހާދިސާގެ އިތުރުން 2011 ވަނަ އަހަރު ހުރާގައި ހިރިޔާ ސްކޫލްގެ ދަރިވަރުންތަކަކާއި ޕްރިންސިޕަލް ވެސް ގެނބިގެން ނިޔާވި ހާދިސާ މައުސޫމާ ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މައުސޫމާ ވިދާޅުވީ އެހާދިސާގައި ވެސް ނިޔާވި ކުދިންނާއި ހާލު ދެރަވި ކުދިން ހޮސްޕިޓަލަށް ގެނައުމަށްފަހު، އެކުދިންނަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރުމުގައާއި އާއިލާތަކާ ވާހަކަ ދައްކާ، އެމީހުން ހަމަޖެއްސޭތޯ މަސައްކަތް ކުރުމުގައި ވެސް އެދުވަސްކޮޅު ވަރަށް ބުރަކޮށް އުޅެން ޖެހުނު ކަމަށެވެ. އަދި އެއީ ވެސް ވަރަށް ހިތުން ފިލުވާލަން ދަތި މަންޒަރުތަކެއް ފެނުނު ހާދިސާއެއްކަން މައުސޫމާ ފާހަގަ ކުރެއްވިއެވެ.
"އޭގެ އިތުރުން ސުނާމީ ކާރިސާގައި ވެސް ޚިދުމަތް ދިނުމަށް އަޅުގަނޑުމެން ގެއަށް ނުގޮސް މިތަނުގައި މަޑުކުރިން. މިތަނުގައި ކާލައިގެން، ނަމާދު ކޮށްލައިގެން، ނުނިދާ އެދުވަސްކޮޅު އުޅެން ޖެހުން" މައުސޫމާ ވިދާޅުވިއެވެ.
"މިއީ ހަނދާން ނައްތާލަން އުނދަގޫ ހާދިސާތަކެއް. ވަރަށް ސެންސިޓިވް، ވަރަށް އުނދަގޫ ކަންތައްތައް. މީހުންގެ އާއިލާތަކަށް ވިސްނައިދޭން ޖެހޭ ވަގުތަކީ ވަރަށް އުނދަގޫ ވަގުތުތަކެއް"
ރައްޔިތުންނަށާއި، ނަރުހުންނަށް ދޭން ބޭނުންވާ މެސެޖު
ވެކްސިން ދިނުމުގައި ބުރަކޮށް އުޅުނު ނަރުހެއްގެ ހައިސިއްޔަތުން މައުސޫމާ ވެސް ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއް ވެއެވެ. ބައެއް ފަރާތްތަކަކީ ވެކްސިން ނުޖަހަން އުޅޭ މީހުންނަށް ވެފައި، އަނެއް ބައި މީހުންނަކީ ވަކި ވެކްސިނެއް ޖަހަން މަޑުކޮށްގެން ތިބޭ މީހުންނަށް ވާތީ، މައުސޫމާ އެފަރާތްތަކަށް ދެއްވި ނަސޭހަތަކީ ވަކި ވެކްސިނަކަށް ނުބަލާ، ވެކްސިން ޖެހުމަށެވެ.
"ކޮންމެ ވެކްސިނެއް ވެސް ސަރުކާރުން ގެނެސްފައި ހުންނާނީ ޖެހުން ރައްކާތެރި އެއްޗަކަށް ވީމަ. އެހެންވީމަ އެވޭލަބަލް ވެކްސިނެއް އަވަހަށް ޖައްސަވާ. ވަކި އެއްޗެއް އަންނަންދެން، ނުވަތަ ވަކި ވެކްސިނެއް ލިބެންދެން ނުތިއްބަވާ. ވީހާވެސް އަވަހަށް ވެކްސިން ޖައްސަވާ. އޭރުން ބަލިން އަވަހަށް ރައްކާތެރި ވެވޭނީ" މައުސޫމާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކުގައި މަސައްކަތްކުރާ ނަރުހުންނަށް ވެސް މައުސޫމާ ވަނީ މެސެޖެއް ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ނަރުހުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި އެއީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށެވެ.
"އަޅުގަނޑަށްވުރެ ޒުވާން، އަދި ކުޑަކުދިން ވެސް ގޮވައިގެން އުޅޭ ކުދިން އެބައުޅޭ ޑިއުޓީގައި ވަރަށް ބުރަކޮށް. އަޅުގަނޑު ބުނެލަން އޮތީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، ތިއީ ވަރަށް ހިތްވަރުގަދަ ކުދިންތަކެކޭ، ހިތްވަރާއެކު ކުރިއަށްދާށޭ" މައުސޫމާ ވިދާޅުވިއެވެ.
މައުސޫމާ އިތުރަށް ވިދާޅުވީ، މިއީ ބުރަ ދާއިރާއެއް ނަމަވެސް، މުޖުތަމަޢުއަށް ވަރަށް ބޭނުންތެރި ދާއިރާއެއް ކަމަށާއި އެހެންކަމުން ހިތްވަރާއެކު މިދާއިރާއަށް އިތުރު ކުދިން ވަނުން އެދޭ ކަމަށެވެ.
ބެސްްޓް ނާސް
ތިޔައީ ވަރަށް ރަހުމް ކުޑަ ގޮތް ކުޑަ އަބަދު ޕުރެޝަރަށް އަރާފަ ހުންނަ ރުންކުރު މީހެއް.. މީނައާ ދިމާވެފައި ހުރި މީހުންނަށް އިނގޭނެ އެކަން. ހާއްސަކޮއް މުސްކުޅިންނަށް އިހާނެތިކޮއް ހިތާ އަޑު ހަރުކޮއް ވާހަކަ ދައްކާ މީހެއް.. އަހަންނަކަށް ނޭންގޭ ކީއްވެ ޖަހާފަ އޮތް އާޓިކަލްއެއްކަމެއް މީ. މީހަކާ ދިމާލަށް ހީ ނުލާ ވާހަކައެއް ނޫން.. ތިޔަ ތަނުގައި އޭނާއަށް ތިހާ ގިނަދުވަހު އަނިޔާއެއް ނުލިބި ހުރެވުނީ ކީއްވެބާއޭ ހިތަށް އަރާ.. ހާދަ ނުލަފާ އަންހެނެކޭ ތީ..
ޢެންމެ ނުބަަަަަަަަައި ނަރުސް
ކަޑަމީހެއް