ޒުވާނުން ބީތާކުރުން، މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް!
ޒުވާނުންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑެވެ. ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލެވެ. ޒުވާނުންނަކީ ގައުމުގެ އިގްތިޞާދުގެ މުގުލެވެ. މިހެން ނުކިޔާ ސިޔާސީބަޔަކާ މިހާތަނަށް ދިމައެއް ނުވެއެވެ. އެހެން ނަމަވެސް ހިތާމައަކީ ޒުވާނުންގެ ކުރިމަގު ބަނަ ކުރުމަށް ބަޔަކު ފޫގަޅާފައިވާކަން ޒުވާނުންނަށް މޭރުން ނުވުމެވެ. ޒުވާނުން ނިވާފަތްގަނޑަކަށް ހަދައިގެން ވޯޓު ހޯދާ ސިޔާސީންގެ ވަކިތަކުން މިއަދު ވެސް ޒުވާނުން ސަލާމަތްވެފައެއް ނުވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރާނީ އެޒުވާނުން އަމިއްލައަށް ތޯއެވެ؟ ނޫނީ ސިޔާސީ ދަޅަތަކަށް ހެއްލި، އާގަމަވެފައި ތިބެ ވީހާލެއްގައި ވާނީތޯއެވެ؟
ދުނިޔޭގެ ބޮޑެތި އިގްތިޞާދުތަކަށް ބަލާއިރު، އެފަދަ ގައުމުތަކުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ޢިލްމުވެރި ޒުވާނުން އުފައްދަން ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ. އަދި ވަޒީފާގެ ބާޒާރުތަކާއި ވިޔަފާރީގެ ފުރުސަތުތައް އެފަދަ ޒުވާނުންނަށް ހޯދައި ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން ދެއެވެ. މީގެ ދިރިހުރި މިސާލަކީ ޖަޕާނެވެ. ޖަޕާނުގައި ތަޢުލީމީ މަރުހަލާތައް ބިނާވެފައި އޮންނަގޮތުން އަސާސީ ތަޢުލީމުގެ ފުރަތަމަ ތިން އަހަރު ދަރިވަރުންނަށް ކިޔަވައިދެނީ އަޚުލާޤީ ރިވެތި ސިފަތަކާއި އެހެން މީހުންނަށް އިހުތިރާމް ކުރުމަށާއި ގުދުރަތީ މާހައުލާ ބެހޭ ގޮތުންނެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް އެހީތެރިވެދީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ހަމަހަމަކަމާއި އަދުލުވެރިކަން ދަސްވެ ދީލަތި ވުމަށާއި ހިތްތިރިވުމަށް ދަސްވެގެން ދެއެވެ. މިދެންނެވި މަރުހަލާއަކީ ޒުވާނަކު އުފެއްދުމަށްޓަކައި ކަޑައްތުކުރަންޖެހޭ އެންމެ މުހިއްމު މަރުހަލާއެވެ. ނަމަވެސް އަހަރެމެންގެ ދިވެހިރާއްޖެ ތޯއެވެ؟ ތައުލީމީ މުއައްސަސާތަކުން އުފައްދާ އަދި އުފެދޭ އުފެއްދުންތަކަށް ބަލާއިރު މާބޮޑު ފުރިހަމަކަމެއް ފާހަގައެއް ނުކުރެވެއެވެ. ދުނިޔެއަށް ލޯހުޅުވިފައި ތިބެނީ މަދު ކުދިން ތަކެކެވެ. އަމިއްލަ މާހައުލާއި އަމިއްލަވަންތަ އިސްލާމީ ޝަޚުޞިއްޔަތެއް އަމުދުން ނުފެނެއެވެ. ދިރިއުޅުމަށް ތައްޔާރުވެފައި ހަމައެކަކު ވެސް ނެތް ކަހަލައެވެ. މިހުރިހާ ކަމަކީ ވެސް ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާތަކުގެ ނަތީޖާއެވެ. އެހެން ނޫނީ ރަނގަޅު މަގާމުތަކަށް ނުބައި މީހުން ލުމުގެ ހިތި ނަތީޖާއެވެ.
ދިވެހި ތަޢުލީމީ މަރުހަލާތަކަށް ބަލާއިރު ކުރިން މިދެންނެވި ތަޢުލީމީ މަރުހަލާތަކުގައި ދަރިވަރުންގެ ޖުމުލަ ތަރައްގީއަށް ކަންކަން ނުކުރެއެކޭ ދަންނަވާކަށް ނެތީމެވެ. ނަމަވެސް ޔަގީނާ ގާތަށް ދަންނަވަން ކެރެނީ ސްކޫލް މަރުހަލާ ތަކުގައި ދަރިވަރުންގެ އަޚުލާޤީ ތަރައްގީއާއި ކުރިއެރުމަށް ދެވޭ އަހަމިއްޔަތު ވަރަށް ވެސް ބޮޑު ތަން ދަށް ކަމެކެވެ. އަމިއްލަ ނަފްސުގެ ކުރިއެރުމާއި މުޖުތަމަޢުގެ މުހުތާދުތަކަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބެލެނިވެރިންނާއި ވުޒާރާތަކުން ޑިމާންޑު ކުރަނީ އިނގިރޭސީންގެ އިމްތިހާނަކުން ފާސް ކުރުވާށެވެ. އާޚިރު ނަތީޖާއަކީ ގިނަ ދަރިވަރުން މުޖުތަމަޢުގައި ބާކީވެ ކުރާނެކަމެއް ނެތި ބިއް ޖެހިފައި ތިބެން ޖެހުމެވެ. ދަންނަވަންތޯއެވެ! ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ސިޔާސީ ލީޑަރުން އުފެއްދުމުގެ މަސައްކަތް ނުކުރަނީ ކީއްވެގެންތޯއެވެ؟ އެދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެފުރުސަތު ހޯދައި ނުދެވެންވީ ސަބަބެއް ނެތެވެ. އެކަން ނުކުރުމުގެ ހިތި ނަތީޖާއަކީ ސިޔާސީ ހުރިހާ މަގާމެއްގައި ކަނޑުކޮހުން ތިބުމެވެ. ގަމާރުން ގިނަވުމެވެ. ގިނައީ އެނބުރޭ ވަހުތާނު ތަކެވެ. ނުދަންނަކަން ދަންނަ ބޭކަލުންނާއި ނުދަންނަކަން ނުދަންނަ ބޭކަލުންނެވެ. ލޮބުވެތި ދިވެހި ޒުވާނުންނޭވެ! ތިޔަ ކުދިން މަގުމަތި ކުރުވަނީ ބަޔަކު ރާވައިގެންނެވެ. މިކަމާ ހޭލާކަށް ނުވޭތޯއެވެ؟
ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއްވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. މިދާއިރާގައި މަސައްކަތްކުރާ ގިނަ ދިވެހިންގެ ޝަކުވާއަކީ ލިބޭ މުސާރައާ ނުބައްދަލު މަސައްކަތް ކުރަން ޖެހުމެވެ. ނުވިތާކަށް ލިބެން ޖެހޭ ސާވިސް ޗާޖު ވެސް ވެރިން ބަނޑުއަޅާ ވާހަކައެވެ. ކޮންމެއަކަސް ކަމުގެ ހަގީގަތަށް ޖެހިލާއިރު ފެންނަން އޮތީ ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ގިނަ ރިސޯޓުތަކަކީ ބިދޭސީ ވިޔަފާރިތައް ކަމުގެ ހިތި ހަގީގަތެވެ. އެހެން ނަމަވެސް އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރަކީ ރިސޯޓްތައް ވެސް ހިންގަނީ ގާނޫނާއި ގަވައިދުގެ ދަށުން ކަމެވެ. ގާނޫނަށް ވުރެ މަތީގައި ރިސޯޓްތަކުގެ ވެރިން ވެސް ނުތިބޭނެ ކަމެވެ. ނަމަވެސް ގިނަ ދިވެހިންގެ ޝަކުވާއަކީ ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތައް ރިސޯޓާ ހަމައަށް ގޮސް ބަނދަރު ކުރަން ޖެހޭކަމުގެ ޝަކުވާއެވެ. އެއް މަގާމެއްގައި ތިބޭ ބިދޭސީ މީހާއާއި ދޭސީ މީހާއާ މެދު ކުރާ ތަފާތު ކުރުން ތަކެވެ. ހުރުމާއި ކެއުމުގައެވެ. މުސާރައާއި އިނާޔަތްތަކުގައެވެ. ލޮބުވެތި ޒުވާނުންނޭވެ. މިކަންކަމަކީ ބަޔަކު ހަމަ ރާވައިގެން ހިންގާ ޖަރީމާތަކެކެވެ. ބައެއް ފަހަރަށް މިފަދަ ކަންކަން ކުރަނީ ގާނޫނީ ހުސްކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
ގައުމެއްގެ ކުރިއެރުމާއި މުސްތަގުބަލު ޒުވާނުންނަށް ބިނާވާ ނަމަ، އެފަދަ ޒުވާނުންނަކީ ދުޅަހެޔޮ ހާލެއްގައި މަސައްކަތް ކުރެވޭނެ ފަދަ ޖޯރުހުރި ބަޔަކަށް ވާން ޖެހޭނެއެވެ. ކެތްތެރިކަމާއެކު ކަންކަމާ ކުރިމަތިލައި ކަންކަން ހައްލުކުރުމުގެ ވިސްނުން ކުރިއަރުވާ ބަޔަކަށް ވެސް އެފަދަ ޒުވާނުން ވާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ދިވެހި ޒުވާނުންގެ އަދުގެ ހާލަށް ވިސްނާލާއިރު، އުފެއްދުންތެރި ޒުވާނުންނަށް ވުރެ ގިނައީ މަގުމަތީގައި ގިނަވެފައިވާ ހުސް ބޯތަކެކެވެ. އެއަކުން ކުރެވޭނެ މާބޮޑު ބޭނުމެއް އުންމީދެއް ނެތެވެ. ހަރާމެއް ހަލާލެއް ބެލުމެއް ނެތި ރެއާދުވާލު ބޮޑެތި ކުށްތަކަށް އަރައިގަންނަ އިރު، އެފަދަ ކަންކަމަށް ތަރުހީބުދީ ހިތްވަރުދޭ ނުފޫޒުގަދަ ބަޔަކު މި ދިވެހި މުޖުތަމަޢުގައި ތިބިކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ލޮބުވެތި ޒުވާނުންނޭވެ! ކުށްކުށަށް އަރައިގަނެގެން ހޯދާ ނަހަލާލު ފައިސާއިން ވަގުތީ ހިތްހަމަޖެހުމެއް ލިބުނަސް އެއީކީ ދާއިމީ އެއްޗެއް ނޫނެވެ. ވަގުތު ފާއިތުނުވަނީސް ނަފްސު އިސްލާހު ކުރަމާ ހިނގާށެވެ. ސިޔާސީންގެ އަޅުންނަށް ނުވެ، އަމިއްލަ ހަލާލު މަސައްކަތުން އަމިއްލަ ދިރިއުޅުން ބިނާ ކުރަމާ ހިނގާށެވެ. ގިނަފަހަރަށް ގިނަ މީހުންނަށް ވިސްނެނީ ވަގުތު ފާއިތުވާ ފަހުންނެވެ.
ކިޔަވައިގެން ތިބޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމަކީ ވެސް ޒުވާނުން މަގުމަތިވުމަށް މެދުވެރިވާ ވަރަށް ބޮޑު ސަބަބެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއްވެސް މީހަކު މަގްސަދެއް ނެތި ނުކިޔަވާނެއެވެ. ބޮޑު ޚަރަދު ކޮށްފައި ކިޔަވައިގެން އަންނައިރު ވަޒީފާގެ ބާޒާރުން ބަލައި ނުގަތުމީ ހިތާމަހުރި ކަމެކެވެ. އަދި ދޭސީންނަށް ކުރެވޭނެ މަސައްކަތް ބިދޭސީން ލައްވާ ކުރުވުމަކީ ވެސް ދޭސީންނަށް ވަޒީފާ ނުލިބުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ދިވެހި ތަޢުލީމީ މަރުހަލާ ތަކުގައި ގައުމު ބިނާކުރުމަށް ޒުވާނުން ނުއުފެއްދެނީ ހެއްޔެވެ؟ ނޫނީ ސްކޫލްތަކާއި ކޮލެޖް ޔުނިވާސިޓީތަކުން ކިޔަވައިދޭ އެއްޗެއްގެ މާބޮޑު ބުރަދަނެއް ނެތީ ހެއްޔެވެ؟ އެހެން ނޫނީ މިހުރިހާ ކަމަކީ ސަނަދު ވިއްކުމާއި ސަނަދަށް ކިޔެވެމުގެ ނަތީޖާ ހެއްޔެވެ؟ ކޮންމެ އަކަސް ވަރަށް ގިނައިން މަތިފަޑީގައި ދެކެވޭ ވާހަކައަކީ މަތީ ފެންވަރުގެ ވަޒީފާތަކަށް ދިވެހިން ކުފޫ ހަމަނުވާ ވާހަކައެވެ. މިހެންކަމަށް ވާނަމަ، ޒުވާނުންގެ ވާހަކަ ދައްކަންވީކީ ފަސްއަހަރުން އެއް އަހަރަކު ނޫނެވެ. އެވާހަކަތައް ދައްކަންވީކީ އެކުދިން ގުނބޯ ހައްދާކަށް ވެސް ނޫނެވެ. ފަހަރެއްގައި އެއީ ޒަމާނީ ސިޔާސީ އުކުޅަކަށް ވެސް ވެދާނެއެވެ، ކޮންމެއަކަސް ވަޒީފާގެ ބާޒާރުން ގާބިލް ޒުވާނުންނަށް ފުރުސަތު ނުދެނީވެސް ބަޔަކު ރާވައިގެންނެވެ. އާރާއި ބާރު އަދި ޝާނާއި ޝައުކަތު ބީވެދާނެކަމުގެ ބިރަށް ޓަކައެވެ. އެހެން ނޫނީ ދެން އިތުރު ކޮންކަމެއް ލައިގަނެގެން ހެއްޔެވެ؟
ތަންކޮޅެއް ކުރީގެ ތާރީޚަށް ޖެހިލާއިރު، ފެންނަ ބޮޑު މަންޒަރަކީ ރައްޔިތުމީހާ ވަކި އިމެއްގައި ބެހެއްޓުމުގެ ބޭނުމުގައި ތައުލީމު އާންމު ނުކޮށް ފާޑެއްގެ އަޅުވެތިކަމެއްގައި ގެންގުޅުނު މަންޒަރެވެ.