ރިޕޯޓް ކޮލަމް

ޢަދުލު އިންސާފު ލިބިދިނުމުގައި ރަނގަޅަށް މުއްދަތު ގުނުން

އަބްދުﷲ ރަޝީދު (ކްރިސްޓަލް) ، ދެން އޮންލައިން

ކޯޓަށާއި ޓްރައިބިއުނަލްތަކަށް ބައެއް ބާވަތްތަކުގެ މައްސަލަތައް ހުށަހެޅުމަށާއި، އެތަންތަނުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށާއި، މީހަކު މަރުވުމުން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮވެގެން ދަޢުވާކުރުމަށާއި، ޖިނާއީ އިޖުރާއަތުގެ ތެރޭގައި ހިމެނޭ އަމުރުތައް ހޯދުމަށް ހުށަހެޅުމަށާއި، އެ އަމުރުތައް އިސްތިއުނާފުކުރުމަށް ވަކި މުއްދަތުތަކެއް ޤާނޫނުތަކުގައި ކަނޑައެޅިފައިވެއެވެ. އަދި މުއްދަތު ގުނުމަކީވެސް ޤާނޫނީގޮތުން ވަކި ހަމަތަކެއް ކަނޑައެޅިފައިވާ ކަންކަމެވެ. ނަމަވެސް ޢަދުލުއިންސާފާގުޅޭ ކަންކަމުގައި މުއްދަތުގުނުމުގައި ބައެއްފަހަރު ޤާނޫނު ތަރުޖަމާކުރުމުގައި ކޯޓުތަކުން ގެންގުޅޭ މިންގަނޑުތަކުގެ ސަބަބުން ޤާނޫނު ހެދުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަމަށް ބެލޭ ހާލަތަށް ކަންކަންދެއެވެ. އަދި މުއްދަތު ގުނުމުގައި ސުވާލު އުފެދޭ ފަދަ ހަމަތައް ކޯޓުތަކުން އެބަ ކަނޑައަޅުއްވައެވެ.

Ads by Hajj Corporation

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 42 ވަނަ މާއްދާގައި މާލޭގައި ޤާއިމުވެފައިވާ ދަށުކޯޓަކުން ނިންމާ މައްސަލަތައް އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އަދި މާލެ ފިޔަވައި އެހެން ރަށެއްގައި ޤާއިމުވެފައިވާ ދަށުކޯޓަކުން ނިންމި މައްސަލައެއްނަމަ އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 180 ދުވަހުގެ ތެރޭގައި، އަދި އެ މައްސަލައެއް ނިންމީ ޓްރައިބިއުނަލަކުން ނަމަ އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އިސްތިއުނާފު ކުރުމަށް ބޭނުންވާނަމަ ހައިކޯޓަށް ހުށަހަޅަންވާނެކަމަށް ވަރަށް ސާފު ޢިބާރާތުން ވަނީ ބަޔާންކޮށްފައެވެ. ހަމައެއާއެކު ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ހައިކޯޓުން ނިންމާ މައްސަލަތައް އެ މައްސަލައެއްގެ ޙުކުމްކުރި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މުއްދަތު ގުނުމުގައި މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭނެކަމަށްވެސް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

ޤާނޫނުގައި އެހާ ސާފުޢިބާރާތުން އިސްތިއުނާފުގެ މުއްދަތުތަކާއި އެމުއްދަތު ގުނާނެގޮތް ބަޔާންކޮށްފައިވަނިކޮށް، ޤާނޫނަށް އިސްލާޙް ގެނައުމަކާނުލާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 02/2015 ޢާންމުސިޓީ 12 ފެބްރުއަރީ 2015 ގައި ނެރުއްވާ، ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާފޯމު، ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅުން ލާޒިމުކުރުމާއެކު، ހައިކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ގޮތުގައި ކޯޓުތަކުގެ ޤާނޫނުގައި ލިޔެވިފައިވާ މާއްދާއަކީ ޤާނޫނުގައި އޮތަސް ޢަމަލުކުރުމުގައި ނެތް މާއްދާއަކަށްވަނީ ވެގެން ގޮސްފައެވެ. ވުމާއެކު، ޤާނޫނު ތަރުޖަމާކުރުމުގެ ތެރެއިން ނެރެވުނު ޢާންމުސިޓީއަކީ މިއަދުވެސް ޢަމަލުކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ދެމިއޮތުމެވެ. ބައެއް ކަންކަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން މިހާރުގެ ފަނޑިޔާރުން ލަދުވެތިވެތިބެ ކަންކަން އިސްލާޙް ކުރެއްވިނަމަވެސް އިސްތިއުނާފުގެ މުއްދަތުތަކާގުޅޭގޮތުން ކުރީގެ ފަނޑިޔާރުން ނެރުއްވާފައިވާ ޢާންމުސިޓީއާމެދު އަދި ވަކިގޮތެއް ނުނިންމަވައެވެ. ނަތީޖާއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުގެ މުއްދަތާއި ކޯޓަށް މައްސަލަ އިސްތިއުނާފު ކުރަންޖެހޭ މުއްދަތު ތަފާތުވުމެވެ.

ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ވުޖޫދަށްއައިސް އަދި ޤާނޫނު ނަންބަރު 2020/21 އިން ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙް ގެނައުމާއެކު ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މުއްދަތުވަނީ 60 ދުވަހަށް ބަދަލުވެފައެވެ. އެއީ އެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އަދި 198 ވަނަ މާއްދާގެ (ރ) ގައި ދަށު ކޯޓުންނެރޭ އަމުރާއި ޝަރީޢަތުގެ ކުރިން ނިންމާ ނިންމުން ދައުލަތުން އިސްތިއުނާފު ކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރުން ދައުލަތަށްވަނީ ލާޒިމުކޮށްފައެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާބެހޭގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކުގައި  24 ގަޑި އިރުތެރޭގައި ވަކި ކަންތައްތަކެއް ކުރުންވަނީ ލާޒިމުކޮށްފައެވެ. އެ މާއްދާގެ (ހ) ގައި ގިނަވެގެން 24 ގަޑިއިރު ތެރޭގައި ހައްޔަރު ކުރެވުނު ސަބަބު ލިޔުމަކުން އެމީހަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމާއްދާގެ (ރ) ގައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރު ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެކަމަށެވެ. މި މާއްދާގައި އޮތް ޢިބާރާތުގެ ސަބަބުން ސައުވީސް ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކާއި ބަންދު ކުރެވޭ ފަރާތްތައް ހާޒިރުކުރުމަކީ ލާޒިމުކަމެއްގެ ގޮތުގައިވަނީ ބަލައިގަނެވިފައެވެ. އަދި 24 ގަޑިއިރު ގުނަނީ ބަންދު ދުވަސްތަކާއި ބަންދު ގަޑިތައްވެސް ހިމަނައިގެންނެވެ. ވުމާއެކު މިސާލަކަށް ހުކުރު ދުވަހުގެ ހެދުނު 8:15 ގައި ހައްޔަރު ކުރާފަރާތް 24 ގަޑި އިރަށްވުރެ އިތުރަށް ބަންދުގައި ބަހައްޓާނަމަ ހޮނިހިރު ދުވަހުގެ 8:15 ގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވެއެވެ. ކިތަންމެ ވިއްސާރަޔަސް، އަދި ކިތަންމެ ކަނޑު ގަދަޔަސް އަދި ބަންދު ދުވަހަކަށްވިޔަސް 24 ގަޑި އިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް މުއްދަތު ނުޖެހިއްޖެނަމަ ނުވަތަ އެގަޑީގެ ކުރިން ކޯޓަށް ހާޒިރު ނުކުރެވިއްޖެނަމަ އެމީހަކު އެހިސާބުން ބަންދުން ވީއްލެއެވެ. ވުމާއެކު، ގަޑިން ވަގުތު ބެލުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ ކަންކަމުގައި މިހާތަނަށް 24 ގަޑިއިރު ތެރޭގައި ކުރަން ބުނެފައިވާ ކަންކަމުގައި މިހާތަނަށް ވަގުތު ގުނާފައިވަނީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ. މާނައަކީ މީހަކު ބަންދު ކުރުމާއެކު ނުވަތަ ހައްޔަރު ކުރުމާއެކު އެހިސާބުން 24 ގަޑިއިރު ހަމަކުރުމަށް ގަޑި ގުނަން ފެށުމެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި، ދަށުކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން، ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައިވާ ނިންމުމެއް، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާނަމަ، އެ އަމުރު ނެރޭ، ނުވަތަ އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 48 ގަޑި އިރުގެ ތެރޭގައި އިސްތިއުނާފު ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެމާއްދާގެ (ބ) ގައި އިސްތިއުނާފުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 07 ދުވަހުގެ ތެރޭގައި އެ އަމުރާމެދު ކޯޓުން ގޮތެއް ނިންމަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި އެކިކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ވަގުތު ގުނުމުގައި އަހަރުން، މަހުން، ދުވަހުން، ގަޑިން މުހުލަތުތައް ބަޔާންކޮށްފައިވާތީ ވަގުތު ގުނުމުގައި އެކިފަހަރު އެކިގޮތަށް ޢަމަލު ކުރެވިގެން ވާނެކަމަކަށް ނުފެނެއެވެ.

ވަގުތު ބެލުމާބެހޭގޮތުން ޤާނޫނު ނަންބަރު 2011/04 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލައިލަންޖެހެއެވެ. މިގޮތުން، އެ ޤާނޫނުގެ 35 ވަނަ މާއްދާގައި މުއްދަތު ބަލާނެގޮތްވަނީ ކަނޑައަޅާފައެވެ. އެ މާއްދާއިން ދޭހަކޮށްދެނީ ވަކިކަމެއް ކުރަންއޮތް ތާރީޚަކީ، ނުވަތަ ވަކިކަމެއް ކުރަންއޮތް އެންމެފަހު ތާރީޚަކީ، ރަސްމީ ބަންދު ދުވަހެއްނަމަ، ދެން އެކަމެއް އެ ބަންދު ދުވަހާ ވިދިގެން އަންނަ ރަސްމީ ބަންދުނޫން ދުވަހު ކުރެވިދާނެއެވެ. އަދި 07 ދުވަހަށް ވުރެ ދިގުނޫން މުއްދަތެއްގައި ކަމެއް ކުރާން ޖެހޭނަމަ އެމުއްދަތުގެ ތެރޭގައި އަންނަ ބަންދު ދުވަސްތައް ނުގުނޭނެކަމަށް އެ މާއްދާގެ (ނ) ވަނީ ބަޔާންކޮށްފައެވެ. ފާހަގަ ކޮށްލަން ބޭނުންވާ މުހިންމު ނުކުތާއަކީ އެ މާއްދާގެ (ރ) ގައި ވަކި ވަގުތެއްގެ ތެރޭގައި ވަކިކަމެއް ރާއްޖޭގައި ކުރަންޖެހޭކަމަށް ބުނެފައިވާނަމަ އެވަގުތު ބަލާނީ، ދިވެހިރާއްޖޭގެ ރަސްމީ ގަޑީގެ ވަގުތުގެ ގޮތުގައެވެ. މިހާތަނަށް ޢަމަލު ކުރަމުންއައި އުސޫލަކީ ބަންދު ދުވަސްވެސް ހިމަނައިގެން ގަޑިން ކުރަން ބުނެފައިވާ ކަންކަމުގައި ވަގުތު ގުނުމެވެ. ވުމާއެކު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ ދަށުން 24 ގަޑި އިރު ހަމަކުރުމުގައި ދެންނެވުނު މާއްދާއަށް ބަލާނަމަ ބަންކުރެވޭ މީހާގެ ބަންދުގެ މުއްދަތުޖެހުމުގައި ރަސްމީ 04 ދުވަސް ކޯޓަށް ހާޒިރުކުރުމަށް ލިބެންޖެހޭނެކަމަށް ފެނެއެވެ. އެއީ ސަރުކާރުގެ ރަސްމީގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވާއިރު ކޮންމެ ދުވަހަކު ގުނޭނީ 06 ގަޑިއިރު ކަމަށްވާތީއެވެ. މި ތަރުޖަމާއަށް ބާރުލިބޭ އިތުރު ނިންމުމެއް ދާދިފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ.

ޢަބްދުﷲ ޖިހާދު ގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރެވުނު ނަންބަރު 2021/HC-A/004 ޤަޟިއްޔާއިން ގަޑިން ވަގުތު ބެލުމުގައި ރަސްމީގަޑި އެކަނި ބެލުމުގެ މާނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރައްވާފައެވެ. ކުރީގެ ނާއިބްރައީސް ޢަބްދުﷲ ޖިހާދު ގެ މައްޗަށް ތުހުމަތު ކުރެވުނު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ދަތުރެއްކުރުމަށް ބޭނުންފުޅުވެގެން އެކަމުގެ ހުއްދަހޯދުމަށް ކްރިމިނަލް ކޯޓުގައި އެދުމާގުޅިގެން އެހުއްދަ ދިނުމުގެ ބަދަލުގައި 24 ޑިސެމްބަރ 2020 އިން ފެށިގެން 20 ޖަނަވަރީ 2021 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7(726-2020)/PH/2020/33 ކޯޓުއަމުރު 24 ޑިސެމްބަރ 2020 ގައި ނެރުއްވުމާ ގުޅިގެން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/004 ޤަޟިއްޔާއިން އިސްތިއުނާފަށް ހުށަހެޅިފައިވަނީ 05 ޖެނުއަރީ 2021 ގައިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެންނެވުނު ޤަޟިއްޔާއިން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެންނެވުނު ޤަޟިއްޔާ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމާގުޅިގެން ޢަބްދުﷲ ޖިހާދުގެ ފަރާތުން ހުށަހެޅުއްވި ޖަވާބުގެ 8.3 ގައިވަނީ އިސްތިއުނާފު ކުރުމަށް 48 ގަޑިއިރު ކަނޑައެޅިފައިވާއިރު އެވަގުތު ހަމަވިއިރު އިސްތިއުނާފު ކޮށްފައި ނެތުމަކީ އެމައްސަލަ ކުރިއަށް ގެންދެވޭނެ ސަބަބެއް ނޫންކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. ނަމަވެސް ދެންނެވުނު ނުކުތާއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖަވާބުދެއްވީ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/04 ޤަޟިއްޔާގެ 45 ވަނަ ޕެރަގްރާފުގައެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅާފައިވާ 48 ގަޑިއިރު ގުނަންވާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ކަނޑައަޅުއްވަމުންނެވެ. ވުމާއެކު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ ދަށުން 48 ގަޑިއިރު ބަންދުވަސް ނުހިމަނާ ގުނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ކަނޑައެޅުއްވިއިރު ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ މީހުންނާއި ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 24 ގަޑިއިރު ބެލުމުގައި ބަންދުދުވަސްވެސް ހިމަނައިގެން ގުނާތީ، އެހާލަތަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު ނުފެތެންވީ ސަބަބަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.

ވުމާއެކު، މާނަކުރުމުގެ ހަމަތަށް ބަޔާންކުރުމުގެ ޤާނޫނުގެ ދަށުން މުއްދަތު ބެލުމުގައި ކޮންމެވެސް އެއްގޮތެއް ކަނޑައެޅެންޖެހެއެވެ. މިގޮތުން ވަކި ކަމެއްގައި ގަޑިން މުއްދަތު ބަލާނަމަ ޤާނޫނުން ވަކިގޮތަކަށް ބަޔާން ނުކުރާނަމަ އެގަޑި ބެލެންވާނީ އެކަމެއް ހިނގާ ވަގުތުން ފެށިގެން ބަންދު ދުވަސްވެސް ގުނޭގޮތަށްކަމަށް ފެނެއެވެ. އެހެނީ ބަންދުކުރެވުނު އެތައް ބަޔަކު 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންދެވިގެން ކޯޓުން ދޫކޮށްލެވުނު އިރު ބަންދުގެ މުއްދަތު ގުނާފައިވަނީ ބަންދު ދުވަސް ހިމަނައިގެންނެވެ. ތުހުމަތެއްގައި މީހަކު ހައްޔަރު ކުރަން ފެށުމާއެކު ގަޑި ގުނަންފަށާ އުސޫލުންނެވެ. މި އުސޫލު މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޚިލާފު ނުވާކަމަށް ފެންނަނީ، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) ވަކި ވަގުތަކަށް ކުރަންޖެހޭކަމެއް ރަސްމީގަޑީގައި ކުރުމަށް ބުނާއިރު، އެމާއްދާއަކީ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ގަޑިން ވަގުތު ބަލާނެގޮތް ބަޔާންކޮށްފައިވާ މާއްދާއެއް ކަމަކަށް ނުފެނެއެވެ. މިހާތަނަށްވެސް ކޯޓުތަކުން 24 ގަޑިއިރު ބެލުމުގައި ވަކިގޮތަކަށް ޢަމަލު ކުރަމުންއައިސްފައިވާތީ އެނޫން ގޮތަކަށް އެކަން ބަދަލުވުމަށް ހަރުދަނާ އަސާސެއް އޮންނަން ޖެހޭނެކަމަށް ފެނެއެވެ. އެނޫން ގޮތަކަށް ޤާނޫނުގައި ބަޔާންކުރަންދެން މިހާތަނަށް ޢަމަލުކުރަމުންއައި އުސޫލު ބަދަލުވާންޖެހޭ ސަބަބެއް އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

ނޯޓް: މި ކޮލަމް ލިއުއްވާފައިވާ އަލްއުސްތާޛް ޢަބްދުﷲ ރަޝީދަކީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ  ފުރިހަމަ ކުރައްވާ، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލެކެވެ. އަދި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ މެނޭޖިންގ ޕާޓްނަރވެސް މެއެވެ. ޤާނޫނީ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ކޮލަމް މެދުވެރިކޮށް އެކަމެއް ސާފުކޮށްދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ތިޔަ ބޭފުޅުންގެ ސުވާލު ފޮނުއްވާނީ [email protected]އަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!