ޚަބަރު

ކޮވިޑާ ގުޅިގެން އެސްޓީއޯއިން ކުރި ޚަރަދުތަކުގައި އެއްވެސް ޚިޔާނާތެއް ނެތް: އޮޑިޓް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ، ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ޚަރަދުތައް ކޮށްފައި ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލެވުނު ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި، ގޭބީސީ ތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް ފިނޭންސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން ކުރެވުނު، ޚާއްޞަ އޮޑިޓްގެ ރިޕޯޓް އާދީއްތަ ދުވަހު އާއްމު ޢާއްމު ކޮށްފައިވާއިރު މި ރިޕޯޓްގެ ކުރިން އެސްޓީއޯއާމެދު އިދިކޮޅު ބައެއް ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

"މެޑިކަލް ފެސިލިޓީތަކަށާ، ބިދޭސީން ބޭތިއްބުމަށް ތައްޔާރު ކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރ ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރު ކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ޢަމަލު ކޮށްފައިވާކަން ފާހަގަ ކުރެވުނު" އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ބައި ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ހިންގާފާއިވާއިރު ޚިޔާނާތުގެ އެއްވެސް ކަމެއް ނެތްކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައި ވެއެވެ. މި ޚަރަދުތަކުގެ ޖުމްލަ އަދަދު 490،159،542.43 ( ހަތަރުސަތޭކަ ނުވަދިހަ މިލިއަން އެއްލައްކަ ފަންސާސްނުވަހާސް ފަސް ސަތޭކަ ސާޅީސް ދެރުފިޔާ ސާޅީސް ތިން ލާރި) އަށް އަރައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!