އިސްލާމީ ވަޙުދަތު ނަގާލަން ބަޔަކު ޖަހާ މަޅިއެއްގައި މިދަނީ ބެދެމުން: ޝައިޚް ޝަފީޢު
ޒަމާނުއްސުރެ ދިވެހިން ދެކެމުން އަންނަ އިސްލާމީ ވަޙުދަތު މިގައުމުން ނަގައިލުމަށް ބަޔަކު މީހުން ވަރަށް މަކަރުވެރިގޮތެއްގައި ޖަހާ މަޅިއެއްގައި އަޅުގަނޑުމެން މިދަނީ ބެދެމުން ކަމަށް ޝައިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިސްލާމީ ވަޙުދަތު ނަގައިލުމަށް ބަޔަކު މީހުން މަސައްކަތް ކުރާ ކަމަށާއި ޤައުމު މިދަނީ ނުބައި ދިމާލަކަށް ކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ ރައްޔިތުން ހޭއަރާ ތިބުމަށް ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުުގައި ސިޔާސީ ބޭފުޅުންނާއި ދީނީ ޢިލްމްވެރިންވެސް ދަނީ އެކަމަށް ނުރުހުން ފާޅު ކުރައްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ލިޔެކިޔުން ނެތި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ވެގެންދާނީ އެމީހުންނަށް ގޮތްތަކެއް ހޯދައިދީ ހުއްދަ ތަކެއް ދޫކޮށްގެން ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ ހުށަހެޅުއްވުމަކީ އެމަނިކުފާނުގެ ހުށަހެޅުއްވުމެއް ނޫން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ޝައިޚް ޝަފީޢުގެ ކުރެއްވި އެހެން ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ނުސީދާ ގޮތެއްގައި މިތަނުގައު އޮތް އިސްލާމީ ވަޙުދަތު ނަގައިލަން މަސައްކަތްކުރާ މީހުންނާމެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށާއި އެފަދަ މީހުންނަށް ތާޢީދުކޮށް އެއްބާރުލުން ދިނުމަކީ ބޮޑުވެގެންވާ ޖަރީމާއަކަށް ނޫނީ ނުވާނެ ކަމަށެވެ.