ޚަބަރު

ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ކުރިމަތިލުމަށް ދެޖިންސުގެ ސިފައިން މަސައްކަތް ކުރަންޖެހޭ: މާރިޔާ ދީދީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޤައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާއި ކުރިމަތިލުމަށް ޓަކައި ދެޖިންސުގެ ރައްޔިތުން ޝާމިލްވާހެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

އ.ދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހަވާސާގައި، ލެޓްވިއާއިން އިންތިޒާމް ކޮށްގެން، ރާއްޖެއިން ކޯހޯސްޓްކުރާ ގޮތަށް ބޭއްވި "ރޯލް އޮފް ވިމެން ލީޑަރސް އިން ދަ މިލިޓަރީ އެންޑް ޕީސްކީޕިންގ" ޕެނަލް ޑިސްކަޝަނަށް، ފޮނުއްވި ވީޑިޔޯ މެސެޖުގައި މިނިސްޓަރު މާރިޔާ ވަނީ ރާއްޖޭގެ އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާ ބެހޭ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.

މިޕެނަލް ޑިސްކަޝަންގައި ކެނެޑާ، ލައިބީރިޔާ، ނޯވޭ އަދި ލެޓްވިޔާއަށް ނިސްބަތްވާ އަންހެން ބްރިގޭޑިއަރ ޖެނެރަލުންނާއި ކާނަލުން ވަނީ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާ ކުރަން ޖެހިފައިވާ ކަމަށާއި، މިކަން ކުރެވޭނީ ލާމަސީލު އަންހެން ލީޑަރުން ބިނާކޮށް، އަސްކަރިއްޔާގެ ތެރެއިން އަންހެނުންގެ ހުނަރު ތަރައްޤީ ކުރުމަށާއި ލީޑަރޝިޕް ދެއްކުމަށް ހަރުދަނާ ފުރުޞަތުތަކެއް ދީގެން ކަމަށް ބޭރުގެ މާހިރުން ކޮށްފައިވާ ދިރާސާތަކުން ވެސް ދައްކާ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ޤައުމީ ސަލާމަތަށް ހުރި ޒަމާނީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ދެޖިންސުގެ ރައްޔިތުން ޝާމިލްވާހެން އެއް ބާރެއް ލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ.

128 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ޤައުމީ ދިފާޢީ ބާރުގައި އަންހެން ސިފައިން ޙަރަކާތްތެރިވާން ފެށިތާ 32 އަހަރުވެގެންގޮސްފައިވާއިރު، އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ރެކްރޫޓް ކޮށްފައިވާ ކަމަށާއި، މިއަހަރުގެ ޖަނަވަރީމަހު އެކަނި ވެސް، ރެކޯޑު ޢަދަދަކަށް އަންހެން ސިފައިން ޕްރޮމޯޝަން ޙާސިލް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ޙާސިލްކުރެއްވި އަންހެން އޮފިސަރުންގެ ތެރެއިން 2 އޮފިސަރުން، އެމް.އެން.ޑީ.އެފްގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވުމަށް ޓަކައި، އުޞޫލަށް ބަދަލު ގެންނަވާފައިވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައި އަންހެން ސިފައިން ތަމްޞީލުވާނެކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަންހެން ސިފައިންގެ ހުނަރު ތަރައްޤީކުރަން އިތުރު ފުރުޞަތުތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، ދުނިޔޭގައި އަސްކަރީ ތަމްރީނުދޭ އެންމެ ދުވަސްވީ އަދި އެންމެ ޤަދަރުވެރި އެއް މަރުކަޒު ކަމަށްވާ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓަށް، މީގެ ކުރިން، ހަމައެކަނި ފިރިހެން ކެޑޭޓުން ފޮނުވުމުގެ ޒަމާންވީ ސަޤާފަތް އުވާލައި، ފުރަތަމަ ފަހަރަށް، ކޮމިޝަނިންގ ކޯހަކަށް ފޮނުވި ދިވެހި އަންހެން އޮފިސަރ ކެޑޭޓު، ފިރުޝާނާ ތައުފީޤު، "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑް"ގެ މަތިވެރި ޝަރަފު ޙާސިލް ކޮށްފައި ވާކަން ފާހަގަ ކުރައްވާފައެވެ.

އަސްކަރިއްޔާގެ ބޭރުން، މިންތީގެ ހަމަހަމަކަން ޤާއިމްކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކަށް ވެސް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ. މިގޮތުން، ލޯކަލް ކައުންސިލް އިންތިޚާބުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރެއްވުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން 2 ފަނޑިޔާރުން އައްޔަން ކުރެއްވުމާއި، މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމް ހިމެނޭހެން ގިނަ ޢަދަދެއްގެ އަންހެން ވަޒީރުން އައްޔަން ކުރެއްވުން ފަދަ ކުރިއެރުންތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo
  1. ޖާނޭ

    ތީދޯމިހާރު ދެން ނުކުރެވި އޮތް ކަމަކީ. ވަރަށް މޮޅު ޚިޔާލެއްކަމަށް ހީކުރެވުނަސް މިންތީގެ ހަމަހަމަ ކަމޭކިޔައިގެން ތިޔަ ހަދަނީ ބޮޑެިތި ގޯސް.