މުދާ އުފުލުމުގައި އަނެއްކާވެސް ޚާއްސަ އުސޫލަކުން އަމަލު ކުރަން ފަށައިފި
މާލެއާއި ހުޅުމާލެ އަދި ސިނަމާލެ ބްރިޖު މަތިން މުދާ އުފުލުމުގައި އަނެއްކާވެސް ހާއްސަ އުސޫލަކުން އަމަލުކުރަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ އާ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ހުޅުމާލެ އަދި ބުރިޖުމަތިން މުދާ އުފުލުމާއި އަދި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި އާ އުސޫލެއް އެކުލަވާލާފައިވާތީ އެ އޮތޯރިޓީން މިދިޔަ މަހުގެ ތިންވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. އެ އިއުލާންގައި ހާމަ ކޮށްފައި ވަނީ މާލެއާއި ހުޅުމާލެ އަދި ބުރިޖުމަތިން 24 ގަޑިއިރުވެސް މުދާ އުފުލުމަށް ފުރުސަތު ދީފައި ވާ ކަމަށެވެ.
މާލެ/ ހުޅުމާލޭ ގައި މުދާ އުފުލުން
▪︎ 350 ކިލޯ އިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލޭގޮތަށް ހަމަޖެއްސުން.
▪︎ ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭ ގޮތަށް ހަމަޖެއްސުން
▪︎ ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކުރުން
▪︎ ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭގޮތަށް ހަމަޖެއްސުން
ބްރިޖުމަތިން މުދާ އުފުލުން
▪︎ ހުޅުމާލެއަށް މުދާ ގެންދިއުމަށް 2 ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން މުދާ އުފުލޭގޮތަށް ހަމަޖެއްސުން. އެކަމަކު މިފަދަ އުޅަނދު ދަތުރުކުރަން ވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށް ވަނީ ޝަރުތު ކޮށްފައެވެ.
▪︎ 2 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭ ގޮތަށް ހަމަޖެއްސުން
އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުން
މާލެ، ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަ ތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭގޮތަށް އާ އުސޫލުގައި ވަނީ ހަމަޖައްސާފައެވެ.