ކޮވިޑް-19: ފީއަލިން މީހަކު ފައްސި ވެއްޖެ

ފ.ފީއަލީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ފީއަލީ ކައުންސިލް ރައީސް މުހައްމަދު ޖަލީލް “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސި ވެފައި ވަނީ އެ ރަށު ހޯމަ ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށެވެ. އަދި އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގިފައި ވަނީ ކަރަންޓީނުގެ މުއްދަތު ހަމަ ކުރުމަށް ފަހު ނެގި ރިލީޒް ސާމްޕަލުން ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.
މި މީހާ ކޮވިޑް 19 އަށް ފައްސިވުމާއި ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެފަރާތާ ކޮންޓެކްޓް ވެފައިވާ އެއްވެސް ފަރާތެއ ވާ ނަމަ ވީހާ ވެސް އަވަހަކަށް ފީއަލީ ޞިއްޙީ މަރުކަޒަށް ނުވަތަ ފީއަލީ ކައުންސިލަށް އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، 13 ރަށެއް މިހާރު ވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.
އެޗްޕީއޭއިން ބުނީ އަތޮޅުތެރޭގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މިކަމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.