ޚަބަރު

އެމްއެންޔޫއެސްޔޫ-ސިއާ މަދަހަ މުބާރާތުގެ އެއްވަނައަށް ޝަލަބީގެ ފަރާތުން ޚާއްސަ އިނާމެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖަސް: އިބްރާހިމް ޝަމްވީލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް (ސިއާ)އާ ގުޅިގެން 1442ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން ބާއްވާ މަދަހަ މުބާރާތުގެ މުޅިމުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަލަބީ އިބްރާހިމްގެ ފަރާތުން ވަރަށް ޚާއްސަ އިނާމެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

މުބާރާތުގެ ބައިވެރިންނަށް ވީޑިއޯގެ ޒަރިއްޔާއިން ދިން މެސެޖުގައި ޝަލަބީ ވިދާޅުވީ، މި މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަލަބީގެ "ހިދާއީ ނޫރު" މަދަހަ އަލްބަމުން ޝަލަބީއާއެކު މަދަހައެއް ކިޔުމުގެ ފުރުސަތު ދެވިގެން ދާނެ ކަމަށެވެ. އަދި މި މުބާރާތުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ޝަލަބީ ސިފަ ކުރެއްވިއެވެ.

ސިއާގެ މީޑިއާ ކޯޑިނޭޓަރު، ޢާލިމް އަބްދުއްލަތީފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝަލަބީގެ ފަރާތުން މިފަދަ ބޮޑު އިނާމެއް މި މުބާރާތަށް ހުށަހެޅުމަކީ، މި މުބާރާތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ފަދަ މުބާރާތަކަށް ޝަލަބީ ފަދަ މަޝްހޫރު އަދި ހުނަރުވެރި ފަންނާނެއް ފަނޑިޔާރެއްގެ ގޮތުގައި ބައިވެރި ވުމަކީ ނުހަނު އުފާ ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވާ، ޝަލަބީ މި މުބާރާތަށް ފަނޑިޔާރެއްގެ ގޮތުގައި ވަޑައިގަތުމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް. އަދި އެކަމަށްޓަކައި މުޅި ސިއާގެ ނަމުގައު ވަރަށް އިޚްލާސްތެރި ޝުކުރެއް ރައްދުކުރަން

ޢާލިމް

މިއީ ސިއާއިން ބާއްވާ ފުރަތަމަ މަދަހަ މުބާރާތަށްވާއިރު މި މުބާރާތް ވެގެންދާނީ މިއަހަރު ސިއާއިން ބާއްވާ ފުރަތަމަ ހަރަކާތަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު ގައުމީ ޔުނިވާރސިޓީގެ ކޮންމެ ފެކަލްޓީއެއްގެ ކޮންމެ ދަރިވަރަކަށް ވެސް މި މުބާރާތުގައި ބައިވެރި ވެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިހާރު ސިއާ ފޭސްބުކް ޕޭޖުން ލިބިގެން ދާނެއެވެ. އަދި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 9900943 ނުވަތަ 9922891 އަށް ގުޅުއްވުމަަށް ސިއާއިން އެދެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!