ޝަރީއަތް ނިމެންދެން އަދީބު ރިމާންޑް ޖަލެއްގައި ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
އަދީބުގެ މައްޗަށް ކުރިން ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވަނީ އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތާއި ގުޅިގެންނެވެ.
އެހަތް ދައުވާވެސް ކްރިމިނަލް ކޯޓުން ބާތިލު ކުރުމާއި ގުޅިގެން ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރުމަށް އެެދުނީ އޭނާ ފިއްލަވާފާނެކަމުގެ ބެލެވޭތީކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ލިބިވަޑައިގެންނެވީ އިއްޔެ ކަމަށާއި އެހެންކަމުން ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން އަދީބު ވިދާޅުވީ ފިލި މައްސަލާގައި އަދަބު ލިބިފައިކަމަށާއި، މިހާރުވެސް ފުލުހުން އޭނާގެ ހަރަކާތްތައް މޮނިޓަރކުރަމުންދާއިރު އެނާއަށް ފިލައިގެން ނުދެވޭނެކަމަށެވެ.