ރިޕޯޓް

ދިވެހި ޒުވާނެއް، ކެރިއަރު އެ ހަލާކު ކޮށްލީ އަމިއްލަ އަތުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ކީއްކުރާނީ ބްރޯ. މާހިލް ޖަލަށް ލައިފި ކުރިން ދުވަހު 20 އަހަރަށް" އެކުވެރި މޯޑު އަހަރެންގެ ގާތުގައި ބުނެލިއެވެ. ދައްކަމުން ދިޔައީ އަހަރެމެންނާއެކު ފުޓްބޯޅަ ކުޅެން އުޅުނު ރައްޓެއްސެއްގެ ވާހަކައެވެ. ހުނަރުވެރި މޮޅު މިޑްފީލްޑަރެކެވެ. ކޯޗުންގެ ލޯބި ހޯދި ލީޑަރެކެވެ. އެހެން ނަމަވެސް މިއަދު އެކަން އޮތީ އެހެނެއް ނޫނެވެ.

Ads by MWSC

މޯޑުގެ ވާހަކަތަކުން އަހަރެންގެ ހަނދާންތައް ސޮއްސާލީ މީގެ ފަސް  ވަރަކަށް އަހަރު ކުރިއަށެވެ. ގައުމީ ޓީމުގެ ސެލެކްޝަނަކަށް އަހަރެން ދިޔަ ދުވަހަށެވެ. އެދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހު އެތަނުން ގިނަ ހުނަރުވެރިންތަކަކާ އަހަންނާ ބައްދަލުވިއެވެ. އޭގެ ތެރެއިން އެކަކީ މާހިލްއެވެ.

ގައުމީ ޓީމުގެ ސެލެކްޝަން އިން ޓީމަށް ހޮވުނު ޓީމުގައި އަހަރެން ހިމެނުނެވެ. އެއަށްފަހު މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސްތައް ކުރަން ފެށިއެވެ. ކޮންމެ ރެޔަކު ވެސް އެއްގަޑިއެއްގައި ފަރިތަކުރުންތައް އޮވެއެވެ. އަބަދުވެސް ޕްރެކްޓިސް ފެށުމުގެ 15 މިނެޓް ކުރިން އަހަރެން ދަނޑަށް ދަމެވެ. ނަމަވެސް ދުވަހަކު ވެސް މާހިލްއަށް ވުރެ ކުރިން އަހަންނަކަށް ދަނޑަކަށް ނުދެވެއެވެ.

އެއީ ވެސް އާދައިގެ މަތިން އަހަރެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ދިޔަ ރެއެކެވެ. އެރޭގެ ފަރިތަކުރުމުގައި އަހަރެންނާއި މާހިލް ޖެހުނީ އެއް ޓީމެއްގައެވެ. އޭނާއާ އެއްޓީމަކަށް ދިއުމުން އަހަރެން ވަރަށް އުފާވެއެވެ. އޭނާގެ ހުނަރުވެރިކަމަކީ ސަބަބެވެ. ނަމަވެސް އެރޭ މާހިލްއަށް ވެފައި ހުރީ ކީއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ލިބޭ އެއްވެސް ބޯޅައެއްގެ ބޭނުމެއް އޭނާއަކަށް ނުހިފެއެވެ. ކޮންމެ ބޯޅައެއް ވެސް އޭނާގެ އަތުން ގެއްލެނީއެވެ. ބިމަށް ވަރުގަދަ އެ ފަހުލަވާނު މިރޭ ހަމަ މީހަކު ޖެހިލާއިރަށް ވެއްޓެނީއެވެ. ހީވަނީ  ރޭ ނުނިދާ ހުރީ ހެންނެވެ.

" މޭން! ކިހިނެއް ވެފަ މިރޭ؟" ފަރިތަކުރުން ނިންމާފައި ވޯމް ޑައުން ކުރަމުން އަހަރެން މާހިލް ކުރެން އަހާލީމެވެ. ޖަވާބުގައި ބުނީ ރޭ ނުނިދާ ހުރީމާ ވަރުބަލީ ކަމަށެވެ. އަހަންނަށް ކުރިން ވެސް އެހެން ހީވެފައި އޮތުމުން އެކަން މާ ބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ.

ފަރިތަކުރުން ނިންމާލި ވަގުތު ކޯޗު ވާހަކަ ދެއްކިއެވެ. ބުނީ މުބާރާތް ފެށެން 15 ދުވަހަށް ވެފައިވާ ކަމަށެވެ. އެހެން ކަމުން ސްކޮޑް ފައިނަލް ކުރުން މާދަމާ ރޭ އޮންނާނެ ކަމަށެވެ. ކޯޗު އެހެން ބުނުމާއެކު ވެސް އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހުނަރުވެރީންގެ ތެރެއިން ފުރޭނިގެން އަހަރެން ސްކޮޑަށް ހޮވޭނެ ބާއޭ ހިތަށް އަރާފައެވެ.

ފަރިތަކުުރުން ނިންމާފައި އެންމެން ގެއަށް ދިޔައިރު ވެސް އަހަރެން ހުރީ ރައްޓެއްސަކު ބަަލައި އަންނާތީ އިންތިޒާރުގައެވެ. ގޭޓު ކައިރީގައި ފޯނާ ކުޅެން ހުރި އަހަރެންނަށް އެެއްލި ނަޒަރަކުން ފެނުނީ އެކަނިމާއެކަނި ބެންޗުގައި އިށީންދެލައިގެން އިން މާހިލް އަށެވެ. އެވަގުތު އަހަންނަށް މުހިންމު ކަމަކަށް ވީ އެގޮތަށް އެހެން އެއްވެސް ރެޔަކު ނީންނަ މާހިލަށް ވެފައި އެއިނީ ކީއްތޯ ބަލާށެވެ.

މަޑު ހިނގުމެއްގައި ގޮސް މާހިލް ގާތުގައި އިށީންދެއްޖީމެވެ. އެކަނި މިތާ ކީއްކުރަނީތޯ އަހާލީމެވެ. ބުނީ ގެއަށް ދާން ބޭނުން ނުވާ ކަމަށެވެ. އެ މޫނުގައި ވަނީ މާޔޫސްކަމާއި ނުތަނަވަސްވެރިކަމެވެ. އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

"އަހަރެންގެ ކެރިއަރު އަހަރެންގެ އަމިއްލަ އަތުން ހަލާކު ކޮށްލެވެނީ މި ބްރޯ" މާހިލް އެވަގުތު ދިޔައީ ގިސްލަމުންނެވެ. އެބުނި އެއްޗެއްގެ މާނައެއް އަހަންނަކަށް ނޭނގުނެވެ. އެހެންކަމުން އެންމެ ރެޔަކު މޮޅަށް ނުކުޅެވުނަސް މާޔޫސް ނުވުމަށް ބުނީމެވެ.

"އެހެންވެއެއް ނޫން. އަހަރެންގެ ރައްޓެހިން އަހަރެން ހަލާކު ކޮށްފި" މާހިލް ދެއްކި ވާހަކައާ އަހަރެންނަށް ގެޓުވި އެއްޗަކާ އެއްގޮތް ނުވިކަން ހާމަވިއެވެ. އެހެންކަމުން އިތުރަށް އޮޅުން ފިލުވުމަށްޓަކައި ސުވާލު ކުރަން ފެށީމެވެ. ވީ ކީއްތޯ އެހީމެވެ.

"މަށަށް ރައްޓެއްސަކު ބުނެގެން ސަޅިކަމެއް ކަމަށް ހީކޮށް މަސްތުވާ އެއްޗެއް ބޯލެވުނީ" ކުރެވުނު ކަންތަކާ މެދު ދެރަވެ ހުރިކަން އެ އަޑުން ހާމަ ކޮށްދެއެވެ. އެހެން ބުނުމަށްފަހު މާހިލް މަޑުމަޑުން ތެދުވެ ހިނގައިގަތެވެ. އަހަރެން ފަހަތުން ދިޔައީމެވެ.

ހެޔޮއެދޭ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އަހަރެން މާހިލް އަށް އެދުވަހު ނަސޭހަތް ދިނީމެވެ. އަދިވެސް އެކަމުން ސަލާމަތް ވެވިދާނެ ކަމަށް ބުނީމެވެ. ވިޔާނުދާ ރައްޓެހިންނާ ދުރުވުމަށް ބުނީމެވެ. މާހިލް ބަހެއް ނުބުނެއެވެ. ހަމައެކަނި ބޯ ޖަހާލީއެވެ. އެއަށްފަހު މަޑު ހިނގުމެއްގައި ދަނޑުން ނުކުމެގެން އޭނާ ހިނގައްޖެއެވެ.

އެރޭ ނިދަން އޮތް އިރު ވެސް އެކަމާ ދޭތެރޭ އަހަންނަށް ވިސްނުނެވެ. މާހިލް ބުނިހެން އޭނާގެ ކެރިއަރު ހަމަ ހަގީގަތުގައި ވެސް ހަލާކު ވެގެން ދިޔައީ ބާވައެވެ. އޭނާގެ ހުނަރުވެރި ކުޅުން ދެން ނުފެންނާނެ ބާވައެވެ.

ޖެހިގެން އައިރޭ އަހަރެން ފަރިތަކުރުމަށް ދިޔައިރު ދަނޑުގައި އެކަކު ވެސް ނެތެވެ. އަހަންނަށް އިހްސާސް ކުރެވުނީ ފަޅުކަމެކެވެ. އެހެން ރޭރޭ އަންނައިރު މާހިލް ދަނޑުގައި ހުންނާތީއެވެ. އެ ފަޅުކަމަކީ މާހިލް ނެތުމުގެ ފަޅުކަމެވެ. ފޯނު ނަގައި މާހިލްއަށް ގުޅާލީމެވެ. ފޯން އޮތީ ނިވާލާފައެވެ.

ފަހަރަކު މީހަކު ފަރިތަކުރުމަށް އައިސް ގާތްގަނޑަކަށް އެންމެން ހަމަވަނީއެވެ. ގޭޓުން މީހަކު ވަންނައިރަށް ބޭއިހްތިޔާރުގައި އެދިމާއަށް ބަލާލެވެނީ އެއީ މާހިލް ކަމަށް ހީކޮށެވެ. ނަމަވެސް އެންމެން ހަމަވެ ފަރިތަކުރުން ފެށި އިރުގައި ވެސް މާހިލްއެއް ނާދެއެވެ

ފަރިތަކުރުން ނިމި ސްކޮޑަށް ހޮވުނު ކުދިން ކޯޗު ކިޔަން ފެށިއެވެ. ފުރަތަމަ ވެސް ކީ މާހިލްގެ ނަމެވެ. އަހަރެން ވެސް ސްކޮޑަށް ހޮވުނެވެ. ނަމަވެސް ވީ އުފަލަށްވުރެ ހިތުގައިވާ ހައިޖާނު މާ ބޮޑެވެ. އެރޭގެ ފަހުން މާހިލް ގެއްލުނީއެވެ. އަހަންނަކަށް މާހިލްގެ ހަބަރެއް އޭގެ ފަހަކުން ނުވެއެވެ.

މާހިލް އެކަންޏެއް ނޫނެވެ. ފުޓްބޯޅައިގެ ދާއިރާގައި ހުނަރުވެރި އެތައް ކުޅުންތެރިންނެއް އަމިއްލަ އަތުން އެމީހުންގެ ކެރިއަރު ހަލާކު ކޮށްލައެވެ. ސަޅި ކަމެއް ކަމަށް ހީކޮށް ކުރާ ވިޔާނުދާ ކަމެއްގެ ސަބަބުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި ގެއްލި ހަލާކުވެ ގޮސްގެންނެވެ.

"ބްރޯ ބްރޯ، އޭ ބްރޯ" އަހަންނަށް ޚިޔާލުތަކުން ބޭރު ވެވުނީ މޯޑު ގޮވަމުން ދިޔަ އަޑަށެވެ. "ކީކޭ ބްރޯ؟" އަހަރެން ސުވާލު ކޮށްލީމެވެ. " މަ ބުނީ އެއޮއް މޮޅު މާހިލް. އަމިއްލައަކަށްނު ކެރިއަރު އެ ހަލާކު ކޮށްލީ" މާ ބޮޑު އެއްޗެއް އަހަރެން ނުބުނަމެވެ. މާޒީގެ ޞަފްހާތައް ލައްޕާލަމުން އަހަރެން ބޯ ޖަހާލީމެވެ.

Ads by HDC
  1. އަމީތާބް

    މާހިލްއަށް އެހެންވީމަ ކަލޭމެން ދެމީހުން ވަރަށް އުފާވެއްޖެދޯ؟ އަދި މާހިލް އެނބުރި ދަނޑަށް އައިސް ތިދެގޮލާ ދެފައިއެއްކޮށް ޖަހާނެ.. ބަލަންތިބޭތި..