އަލީ ރަމީޒު ވެސް މުޢިއްޒަށް ތާޢީދު ކުރައްވައިފި
މާލޭ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ އިދިކޮޅު ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ކުރީގެ ލަވަ ކިޔުންތެރިޔާ އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަލީ ރަމީޒް ތާޢީދު ކުރައްވައިފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ލަތީފް (ސެންބެ) ކުރެއްވި ޓްވީޓެއްގައެވެ. އަލީ ރަމީޒްގެ ޗެޓްގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވާ ސެންބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް މުޢިއްޒަށް ތާޢީދު ކުރައްވަން އަލީ ރަމީޒް ނިންމަވާފައިވާ ކަމަށެވެ. ޢަލީ ރަމީޒު ވެސް ވަނީ މި ޓްވީޓް ރިޓުވީޓް ކޮށްފައެވެ.
މި ޓްވީޓް ރީޓްވީޓް ކުރައްވާ މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް ތާޢީދު ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މުޢިއްޒަށް ތާޢީދު ކުރައްވާކަން ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ފޯވާޑް އަލީ އަޝްފާޤް (ދަނގަޑޭ) ވެސް ވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ވަނީ ހާމަ ކޮށްފައެވެ. މިގޮތުން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރުއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަބްދުލް ކަރީމް (ރުކްމާ އަލީ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާޢިލް އާއި އެމްޑީޕީ އުފައްދަން މަސައްކަތް ކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުޢައިބު)ގެ އިތުރުން އެމްޑީޕީގެ މެންބަރު އަދި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމް ހިމެނެއެވެ.