ރޯދަ މަހު މާލޭގެ ޕާކުތައް ހުޅުވާނީ ހަވީރާއި ރޭގަނޑު އެކަނި

ކުރިއަށް އޮތް ރޯދަ މަހު މާލޭގައި މައި ދެ ޕާކު ހުޅުވާނެ ގަޑިތައް މާލެ ސިޓީ ކައުންސިލުން އާންމު ކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ޕާކުތަކާއި މައިޒާންތައް ހުޅުވާނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އަދި މިއީ މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައި ވެއެވެ. އެ ގޮތުން ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ނިންމާފައި ވަނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 5:45 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު މި ގަޑިތަކުގައި ހުޅުވަން ނިންމި ނަމަވެސް މާލޭގެ އެހެނިހެން ޕާކުތަކާއި މައިޒާންތައް ކުރިއެކޭ ވެސް އެއްގޮތަށް އާންމުކޮށް ހުޅުވާފައި ހުންނާނެއެވެ.